އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބަޖެޓު މަޖިލީހަށް ފޮނުވީ ހޯމަ ދުވަހު އެވެ.
ބަޖެޓާ ގުޅޭ އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާއިރު މިއަހަރަށް ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓަށްވުރެ ހަރަދުތައް އިތުރުވާނެ ކަމަށް ލަފާކޮށް މިހާރު ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމާއި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން އެޖެންޑާކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅިފައިވާ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑަރަ ނައިބު ލަފާ ދެއްވާފައިވާތީ ބަޖެޓު ހުށަހަޅަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަޑައިނުގަންނަވަ އެވެ.