ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓް މަޖިލީހުގެ ބަޖެޓު ކޮމެޓީން ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން އެވެ.
ކޮމިޓީ ރިޕޯޓު ހުށަހެޅުއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ރިޕޯޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދޭން އާންމު ކޮމިޓީން ލަފާދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރިޕޯޓަށް ބަހުސްކުރަން އެދިވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތު އެރުވުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކުރުމާ ގުޅޭ ގޮތުން ވޯޓަށް އަހާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. އަދި މާދަމާގެ ޖަލްސާގައި ބަހުސްކޮށް ނިންމޭ ވަރަށް ވަގުތު އިތުރުކޮށްގެން ކުރިއަށްދާން ގަސްތުކުރާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމިޓީން ބަޖެޓު ފާސްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ފައިސާ އުނިކުރުމަށްފަހު އެވެ.
ސަރުކާރު ހިންގުމުގެ އޮނިގަނޑަސް ގެނެވުނު ބަދަލާ ގުޅިގެން ދައުލަތުގެ ބައެއް މުއައްސަސާތަކަށް ބަދަލު ގެނައުމަށް އާ ސަރުކާރުން ނިންމުމުން އަލަށް އުފެދުނު ވުޒާރާތަކުގެ މެންޑޭޓާއި ބަދަލު ގެނެވުނު ވުޒާރާތަކުގެ އާ މެންޑޭޓަށް ބޭނުންވާ ފައިސާ ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.
މީގެ އިތުރުން ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުން އުފެދިފައިވާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމަސް ހިނގާނެ ކަމަށް ލަފާކުރެވޭ އަދަދުވެސް ވަނީ ހިމަނާފަ އެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.6 ބިލިއަން ރުފިޔާ ހިމެނި ނަމަވެސް ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ޕީއެސްއައިޕީއަށް އިތުރު މަޝްރޫއުތަކެއް ހިމަނާ ތަރައްގީގެ މަޝްރޫއުތަކުގެ ބަޖެޓް 8.9 ބިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ.
ބަޖެޓް ކޮމިޓީން ފާސްކުރި ބަޖެޓަށް ބަލާއިރު އަންނަ އަހަރު ބަޖެޓް ޑެފިސިޓް ހުންނާނީ 16.3 ބިލިއަން ރުފިޔާގައި ކަމަށް ހިމަނާފައިވެ އެވެ.