ބަޖެޓް 2024

ސަބްސިޑީތަކަށް ގެންނަ ބަދަލުތަކާއެކު އެއް ބިލިއަން ސަލާމަތްކުރެވޭނެ

ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސަބްސިޑީތަކަށް ގެނެވޭ ބަދަލުތަކާއެކު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 1.1 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަންދާޒާކޮށްފި އެވެ.

ސަބްސިޑީގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް ނާޅައިފިނަމަ އަންނަ އަހަރު ސަބްސިޑީއަށް 3.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު ފިޔަވަޅުތަކާއެކު ސަލާމަތްކުރެވޭ 1.1 ބިލިއަން ރުފިޔާގެ ސަބަބުން އަންނަ އަހަރު ސަބްސިޑީއަށް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ.

މިހާރު އެންމެންނަށް ހުޅުވާލައިގެން ދެމުންގެންދާ ކަރަންޓު، ތެޔޮ، ކާޑު އަދި ނަރުދަމާގެ އިންޑައިރެކްޓް ސަބްސިޑީގެތަކުގެ ބަދަލުގައި އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރަށް ބަލައި ޓާގެޓުކޮށްގެން ދޭ ޑައިރެކްޓް ސަބްސިޑީއެއް ތައާރަފުކުރަން ވަނީ ރާވާފަ އެވެ.

މީގެ އިތުރުން އާސަންދަ ނިޒާމުގެ ތެރެއިން ހޯދާ ހިދުމަތްތައްވެސް ޓާގެޓިން ނިޒާމާ ގުޅުވާލައި ކަވަރޭޖަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ އެވެ.

އާސަންދައިގެ ނިޒާމަށް މި ފިޔަވަޅުތައް ނާޅައިފިނަމަ އަންނަ އަހަރު އާސަންދައަށް 2.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު ފިޔަވަޅުތަކާއެކު އާސަންދައިން 492.9 މިލިއަން ރުފިޔާ ސަލާމަތްކުރެވި އާސަންދަ ހަރަދު 1.9 ބިލިއަންގައި ހިފެހެއްޓޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ސަބްސިޑީތަކަށް 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއަހަރަށް ފާސްކުރި ބަޖެޓުގައި ސަބްސިޑީތަކަށް ހަރަދު ކުރުމަށް ކަނޑައެޅީ 2.2 ބިލިއަން ރުފިޔާ އެވެ.

ސަބްސިޑީއަށް ކުރާ ހަރަދު އިތުރުވުމުން އެ ހަރަދުތައް ކުޑަކުރުމަށް މާލީ އިދާރާތަކުން ވަނީ ލަފާދީފަ އެވެ.