މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

އެޗްއާރްސީއެމް ބައިވެރިވުމާއެކު ހައްޖު ސްކީމްގައި 38 ފަރާތް

ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް" ގައި އެޗްއާރުސީއެމް އިން ބައިވެރިވެއްޖެ އެވެ. މިއީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭ ގޮތުން އެސްކީމްގައި ބައިވެރިވި 38 ވަނަ އިދާރާ އެވެ.

މި ސްކީމަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދެވޭނެ ގޮތް މަގުފަހި ކުރުމަށް ހައްޖު ކޯޕަރޭޝަން އިން ފަށާފައިވާ ސްކީމެކެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ސްކީމުގައި ބައިވެރިވާ އިދާރާތައް މެދުވެރިކޮށް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކޯޕަރޭޝަންގެ ފަރާތުން ޕޯޓަލް އެއް ދީ މުވައްޒަފުންނަށް އެ ޕޯޓަލް މެދުވެރިކޮށް ސްކީމްގައި ބައިވެރިވުމުގެ އިންތިޒާމްވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުގެ ކަންކަންވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި ޕޯޓަލް އަންނަ މަހުގެ ތެރޭގައި ލޯންޗުކުރާނެ އެވެ.

ހައްޖު ކޯޕަރޭޝަނުން މިހާރުވަނީ އަންނަ މާޗުމަހު އޮންނަ އުމްރާ ދަތުރުގެ އަގުތައް ހެޔޮކޮށްފަ އެވެ. އަންނަ މާޗްމަހު ގެންދާ އުމްރާ ދަތުރުތަކުގެ އަގުވަނީ 22،965 ރުފިޔާއަށް ހެޔޮކޮށްފަ އެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން އާންމުކޮށް އުމްރާ ދަތުރުތައް ކުރަނީ 25،965 ރުފިޔާ އަށެވެ. މީގެއިތުރުން ހާއްސަ ޑިސްކައުންޓުތަކެއް ދޭންވެސް ވަނީ ނިންމާފަ އެވެ.