ވިޔަފާރި

އޭޕްރީލް 24 ގައި އެޕަލް ވޮޗް ބާޒާރަށް ނެރެނީ

Mar 10, 2015

ފުލް ޓަޗް ސްމާޓް ފޯން ތަޢާރަފްކުރި، ޓެކްނޮލޮޖީގެ އެންމެ މަޤުބޫލު އެއް ބްރޭންޑްގެ ގޮތުގައި ދުނިޔޭގެ ބާޒާރުތަކުގައި މަޝްހޫރުކަން ހޯދާފައިވާ އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ޢާންމުންނާ ހަމައަށް ލިބެން ހުންނާނެ ތާރީޚަކަށް ދުވަސްތައް ގުނަން ފަށާފައިވާއިރު، އެ ސްމާޓް ވޮޗްގެ ޕްރީއޯޑާ ނެގުން އަންނަ އޭޕްރީލް 10 ގައި ފަށައި، ރަސްމީކޮށް ބާޒާރުގައި އެ ގަޑި ލިބެން ހުންނާނީ އަންނަ އޭޕްރީލް 24 ވަނަ ދުވަހުން ފެށިގެންނެވ.

 ޢާންމުކޮށް ބާޒާރުން ލިބެން ފަށަން އަދި މަހަކަށްވުރެ ގިނަ ދުވަސް އޮތް މި ގަޑީގެ އަގުތައް އުޅޭނީ، ގަޑީގެ ކުޑަ ބޮޑު މިނަށް ބިނާވެ، 5380 ދިވެހި ރުފިޔާ (349 އެމެރިކާ ޑޮލަރ) އާއި 6150 ރުފިޔާ (399 އެމެރިކާ ޑޮލަރު) އާ ދެމެދުގައެވެ. މި ގަޑީގެ، 18 ކެރެޓްގެ ރަނުން ހަދާފައިވާ އެޑިޝަންގެ އަގު 154200 ދިވެހި ރުފިޔާ (10000 އެމެރިކާ ޑޮލަރު) އަށް އަރައެވެ.

އެޕަލްގެ އައިފޯނާއެކު މަސައްކަތްކުރާ ގޮތަށް ތައްޔާރު ކޮށްފައިވާ މި ގަޑި ބޭނުންކޮށްގެން އީމެއިލް ކިޔުމާއި، ޑިޖިޓަލް ޓަޗް ބޭނުންކޮށްގެން ރަހުމަތްތެރިންގެ އެހެން ގަޑިތަކާ ގުޅުވާލުމާއި، ފޯނަށް އަންނަ ކޯލްތަކަށް ޖަވާބު ދެވޭނެއެވެ.

އެޕަލް ކުންފުނީގެ މިހާރުގެ ސީއީއޯ ޓިމް ކުކް ވިދާޅުވެފައި ގޮތުގައި ގަޑި ބޭނުންކޮށްގެން ފޯން ކޯލަށް ޖަވާބު ދިނުމަކީ އޭނާގެ ޢުމުރުން 5 އަހަރުން ފެށިގެން ކުރާ އުއްމީދެކެވެ.

 އެޕަލް ވޮޗަށް ޚާއްޞަކޮށްގެން އެޕަލް އިން ތައްޔާރުކޮށްފައިވާ ބައެއް އެޕްލިކޭޝަން ތަކުގެ ތެރޭގައި އެޕަލް ޕޭ އަދި ފޭސްބުކްގެ ނޮޓިފިކޭޝަންތަކާއި ވީޗެޓް މެސެޖާއި ޓްވިޓާ ޓްރެންޑްސް ބަލައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންތައް ހިމެނެއެވެ. އައިފޯނާއެކު ފުރިހަމައަށް މަސައްކަތްކުރާ، އައިއޯއެސް 8.2 އާ ރަހުމަތްތެރި މި ފޯންގެ ބެޓެރީ 18 ގަޑިއިރު ހިފަހައްޓާނެ އެވެ. އެހެންކަމުން، ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ވަގުތު މަސައްކަތްކުރާ މީހަކަށްވެސް ފުރިހަމަ ދުވަހެއްގައި އިތުރަށް ޗާޖް ނުކޮށް ބޭނުންކޮށްލެވޭނެއެވެ. މި ގަޑި ފްލޭޝްލައިޓެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭއިރު، އިންސްޓާގްރާމް ފޮޓޯތައް ބެލުމަށްވެސް މި ގަޑި ބޭނުންކުރެވެއެވެ.