މާލޭގެ ފަޅު ތެރޭ އޮތް ދޯންޏެއްގެ ތެރޭގައި މަސްތުވާން ތިބި ކަމުގެ ތުހުމަތަށް ދެ އަންހެނުންނާއި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހަވީރުގެ ވަގުތެއްގައި ދިޔައިރު ފަޅު ތެރޭގައި އޮތް ދޯންޏެއް ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ކަމަށް ތުހުމަތުވި ދެ އަންހެނުންނާއި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ނަމަވެސް އެ މީހުން އަތުލައިގަނެގެން ހައްޔަރު ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ހައްޔަރު ކުރީ މެދު އުމުރު ފުރައިގެ އަންހެނަކާ ދޮށީ އުމުރު ފުރައިގެ އަންހެނަކު ހުއްޓެވެ. އަދި ފުލުހުން ގޮސް އެ މީހުން ދޯނިން ބޭލުވި އިރު ބަޔަކު މީހުން ހަޅޭ ލަވާ އަޑު އިވެ އެވެ.