ދިވެހި ކޮންޓްރެކްޓަރުން ހިންގާ މަޝްރޫއުތަކަށް އަބަދު ވެސް އެއްބާރުލުން ލިބޭނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕްރޭޝަން (އެޗްޑީއެފްސީ) އިން ބުނެފި އެވެ.
އަމީން ކޮންސްޓްރަކްޝަންއިން ހުޅުމާލޭގައި ހަދާ "އަމީން އެވެނިއު" ހައުސިން މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެޗްޑީއެފްސީގެ ސީނިޔަ މެނޭޖަރު ބިޒްނަސް ޑިވްލޮޕްމަންޓް އެންޑް އޮޕަރޭޝަން މުހައްމަދު ޝަފީގު ވިދާޅުވީ ލޯކަލް ކޮންޓްރެކްޓަރުން ހިންގާ މަޝްރޫއުތަކަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެ ކުންފުނިތަކަށް ފަސޭހަ ފައިނޭންޝަލް ފެސިލިޓީތަކެއް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވީ އެ ކުންފުނީގެ ފައިނޭޝަލް ފެސިލިޓީގެ ދަށުން ހުޅުމާލޭގައި ހިންގި ކޮރަލްވިލް މަޝްރޫއުގެ ތެރެއިން ގިނަ ތަޖުރިބާތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
" ކޮރަލްވިލް ޕްރޮޖެކްޓުން ވަނީ ގިނަ ތަޖުރިބާތަކެއް ލިބިފައި.ތިބޭފުޅުން މި މަޝްރޫ އާއިގެން ކުރިއަށް ދާއިރު މާފުރިހަމައަށް މާ ސްމޫތުކޮށް ކަންތައްތައް ނިމިގެން ދާނެ އަޅުގަނޑުމެންގެ ތަޖުރިބާގެ އަލީގައި،" ޝަފީގުވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމީން ކޮންސްޓްރަކްޝަންއިން ފެށި ފަދަ މަޝްރޫއުތައް ގިނަ ބައެއްގެ އުންމީދާ ގުޅިފައިވާ ކަމަށެވެ.
"ގިނަ ބޭފުޅުންނަކީ މިފަދަ އެޕާޓުމަންޓުތައް އެއްފަހަރާ ގަނެވޭ ފަދަ ބޭފުޅުންނެއް ނޫން. އަޅުގަނޑުމެން ބަލަމުން ގެންދާނީ ތި ބޭފުޅުންނަށް އެޕާޑު ކުރެވޭ ވަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖައްސައިދޭން،" ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2004 ވަނަ އަހަރު އުފެދުނު ކުންފުންޏަށް 2008 ވަނަ އަހަރު ގެނައި ބަދަލާއިއެކު ހިދުމަތްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.
"އެނގިވަޑައި ގަންނަވާނެ ފަދައިން އެޗްޑީއެފްސީން އަޅުގަނޑުމެން އިސްލާމިކް އުސޫލުން ވެސް ފައިނޭންސިން ފެސިލިޓީދޭން. އަޅުގަނޑުމެން މިދަނީ ފެށުނީއްސުރެއް ފެށިގެންވެސް ކޮންވެސްޝަނަލް އުސޫލުން ފައިނޭންސް ވެސް ދެމުން،" ޝަފީގު ވިދާޅުވި އެވެ.
އެޗްޑީއެފްސީން ދަނީ ގެދޮރުގެ މަޝްރޫއުތަކަށް ގިނަ އަދަދެއްގެ ލޯނު ދޫކުރަމުންނެވެ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި 1.2 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.
އެޗްޑީއެފްސީއަކީ އައިއެފްސީ އާއި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ 51 ޕަސެންޓުގެ ހިއްސާ އާއި ދިވެހި ސަރުކާރުގެ 49 ޕަސެންޓުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.