ހަބަރު

ޖިންސީ ސިއްހަތުގެ މައުލޫމާތު ކޮމާސް ދަރިވަރުންނަކަށް ނޭނގެ

ކޮމާސް އަދި އާޓް ސްޓްރީމަށް ކިޔަވާކުދިންނަށް އުފަންވެނި ސިއްހަތާއި ޖިންސީ ދުޅަހެޔޮކަމާ ބެހޭ މައުލޫމާތު ލިބޭ މިންވަރު ވަރަށް ކުޑަ ކަމަށާއި ބައެއް ކުދިންނަށް އެއްގޮތަކަށް ވެސް އެކަންކަމުގެ ޔަގީން މައުލޫމާތުތަކެއް ނޭނގޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އުފަންވެނިވި ސިއްހަތާއި ޖިންސީ ދުޅަހެޔޮކަމާ އޭގެ މައުލޫމާތު ހުރި މިންވަރު ސްކޫލް ކުދިންނާއި އާންމުންގެ މެދުގައި ހުރި މިންވަރު ދެނެގަތުމަށް އެޗްއާރްސީއެމުން ކުރިއަށްގެންދިޔަ ދިރާސާގެ ރިޕޯޓުގައި ބުނެފައިވަނީ، ރާއްޖޭގެ ގިނަ ޒުވާނުންނަށް އުފަންވެނިވި ސިއްހަތާއި ޖިންސީ ދުޅަހެޔޮކަމާ ބެހޭގޮތުން ސައްހަ މައުލޫމާތަށް ވާސިލުވެވޭނެ ގޮތްތައް އެކަށޭނަ ގޮތެއްގައި ފަހިކޮށްދެވިފައި ނުވާކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް އެ ދެ ދާއިރާއިން އެނގެންޖެހޭ އެންމެ އަސާސީ މައުލޫމާތްތައް ވެސް ނޭންގޭ ކަމަށް ދިރާސާ ކުރިއަށްގެންދިޔަ އެޗްއާރްސީއެމްގެ ޓީމުން ފާހަގަކޮށްފައިވެ އެވެ.

އެޗްއާރްސީއެމުން ކުރިއަށްގެންދިޔަ އެ ދިރާސާގައި ރާއްޖޭގެ ހަ އަތޮޅަކުން 800 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި 437 އަންހެނުންނާއި 385 ފިރިހެނުން ހިމެނެ އެވެ. އަދި 400 އަށްވުރެ ގިނަ ކިޔަވާކުދިން ވެސް ދިރާސާގައި ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ސްކޫލްކުދިންނަށް އުފަންވެނި ސިއްހަތާއި ޖިންސީ ދުޅަހެޔޮކަމާ ބެހޭ މައްސަލަތަކުގެ މައުލޫމާތުތައް ހޯދަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ސްކޫލްތަކުގައި މައުލޫމާތު ހޯދޭނެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ފަހިކޮށްދީފައި ނެތުމުގެ އިތުރުން ތައުލީމީ މަންހަޖުގައި މި ދެ ދާއިރާގެ މައުލޫމާތު ލިބެން ނެތުމުން ކަމަށް ދިރާސާގެ ބައިވެރިވި ފަރާތްތަކުން ވަނީ އިއްތިފާގުވެފަ އެވެ.

މަންހަޖުގައި އުފަންވެނި ސިއްހަތާއި ޖިންސީ ދުޅަހެޔޮކަމުގެ މައުލޫމާތު ހޯދައިގަނެވޭނެ ގޮތްތަކެއް ފަހިވެފައި ނެތުމުން، ގިނަ ކުދިން އެކަންކަމާ ބެހޭ މައުލޫމާތު ހޯދަނީ އިންޓަނެޓް މެދުވެރިކޮށް ކަމަށާއި އޭގެ ސަބަބުން ކުދިންނަށް ރަނގަޅު މައުލޫމާތު ނުލިބޭ ކަން ދިރާސާގެ ބައިވެރިން ފާހަގަކުރި އެވެ. އަދި ސްކޫލް ކުދިންގެ ތެރެއިންވެސް ކޮމާސް އަދި އާޓް ސްޓްރީމް ކިޔަވާ ކުދިންނަށް މި ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށާއި އެ ދެ ސްޓްރީމް ކިޔަވާ ގިނަ ކުދިންނަށް މި ދެ ދާއިރާގެ ސައްހަ މައުލޫމާތު އެއްގޮތަކަށްވެސް ނޭނގޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން ވެސް މައުލޫމާތު ސާފުކުރުމަށް ކުދިން ކުރާ ސުވާލުތަކަށް ޖަވާބުދޭން ޓީޗަރުން ޖެހިލުންވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ބައެއް ޓީޗަރުން މި ދެ މައުލޫއަށް ކްލާސްތަކުގައި މަޝްވަރާކުރި ނަމަވެސް ވަކި ސުވާލެއް ކޮށްލުމުން، އެކަމަށް ހިތްހަމަ ނުޖެހި، ޖަވާބު ނުދީ ދޫކޮށްލާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ހާއްސަކޮށް އިސްލާމް ކުލާސްތަކުގައި އެ މައްސަލަތައް ދިމާވާ ކަމަށާއި، ނަމަވެސް އެ ދެ ދާއިރާގެ މައުލޫމާތު ކިޔަވައިދިނުމަށް އެންމެ ރަނގަޅީ އިސްލާމް މާއްދާގެ ދަށޫން ކަމަށް ދިރާސާގައި ބައިވެރިވި ގިނަ މީހުން ވަނީ އެއްބަސްވެފަ އެވެ.

ޖިންސީ އަދި އުފަންވެނި މައްސަލަތަކުގެ މައުލޫމާތު ހޯދުމަށް ކިޔަވާކުދިންނަށް ގޮންޖެހުންތަކެއް ހުއްޓަސް، އާ މަންހަޖު ތަންފީޒުކުރަން ފެށުމާއެކު މި މައުލޫމާތުތައް އުނގެނުމަށް ހުރި ފުރުސަތުތައް އިތުރުވެގެން ގޮސްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެން ކަމުން އާ މަންހަޖު މެދުވެރިކޮށް ކުރިއަށް އޮތްތާނގައި ކުދިންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އެޗްއާރްސީއެމްގެ ޓީމުން ވަނީ ލަފާކޮށްފަ އެވެ.

"ދިރާސާގެ އެހެނިހެން ކަންކަމަށް ބަލާއިރު، މި ދެ ދާއިރާގެ މައުލޫމާތު ފޯރުކޮށްދޭ ސެންޓަރެއް ރާއްޖޭގައި ހުރުން މުހިއްމު ކަމަށް ބައިވެރިން ވަނީ ބުނެފައި. އަދި މައުލޫމާތުތައް ފޯރުކޮށްދޭން އެންޖީއޯތަކުން މަސައްކަތް ކުރާ ކަމަށާއި އެންޖީއޯތަކަށް ސަރުކާރުން ކޮންމެވެސް ވަރެއްގެ އިނާޔަތްތަކެއް ދޭނަމަ މައުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާ ފުޅާވެގެންދާނެ ކަމަށް ދިރާސާގެ ބައިވެރިން ވަނީ އިއްތިފާގުވެފަ،" އެޗްއާރްސީއެމް އިން ބުންޏެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު މި ރިޕޯޓަކީ އެ ކޮމިޝަނުން މިހާ ފުޅާ ދާއިރާއެއްގައި ކުރި މިފަދަ ފުރަތަމަ ދިރާސާގެ ރިޕޯޓެވެ. ރިޕޯޓުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފަ އެވެ.