އެޗްއާރްސީއެމް

މުއްދަތު ހަމަވެފައި ހުރި އައިވީ ގުޅި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ގދ. ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައި ހުރި އައިވީ ކުޑަކުދިންތަކަކަށް ގުޅި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް [އެޗްއާރްސީއެމް] އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމުން ބުނީ ގައްދޫ ސިއްހީ މަރުކަޒުން ހަތަރު ކުޑަކުއްޖެއްގެ ގަޔަށް މުއްދަތު ހަމަވެފައިވާ އައިވީ ދިން ކަމަށް ބުނާ މައްސަލަ ފެންމަތިވެފައިވާތީ އެ ކަންތައް ހިނގި ގޮތް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުޑަކުދިންތަކެއްގެ ސިއްހަތާ ގުޅުންހުރި ކަމަކަށް ވާތީ ކަންބޮޑުވުންފާޅުކޮށް އެޗްއާރުސީއެމުން ވަނީ މި ކަމުގައި އިހުމާލުވެފައިވާ މީހުން ހޯދާ މިފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ހެލްތު މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފަ އެވެ.

އެޗްއާރުސީއެމުން މިކަމަށް ގޮވާލާފައިވާއިރު މުއްދަތު ހަމަވެފައިހުރި އައިވީ ގުޅި މައްސަލައިގައި ހެލްތު މިނިސްޓްރީން ވަނީ ގައްދޫ ސިއްހީ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑްކޮށްފަ އެވެ.

މުއްދަތު ހަމަވެފައި ހުރި އައިވީ ގުޅި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ނިމެންދެން އެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުއްދަތު ހަމަވެފައި ހުރި އައިވީތަކެއް ގުޅި މައްސަލައިގައި ގައްދޫގައި އިއްޔެ ވަނީ މުޒާރަހާވެސް ކޮށްފަ އެވެ.