އެޗްއާރްސީއެމް

ކަންބޮޑުވާވަރަށް ނަފުސާނީ ބަލި އެބައޮތް: އެޗްއާރްސީއެމް

ނަފުސާނީ ބަލީގެ މީހުންގެ އަދަދު ދަނީ ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އިތުރުވަމުންދާ ކަމަށް އެޗްއާރްސީއެމުން ބުނެފި އެވެ.

އިންސާނީ ހައްގުތަކުގެ މަސައްކަތް ކުރާ އެ ކޮމިޝަނުން ރާއްޖޭގައި ނަފުސާނީ ބަލި އޮތް މިންވަރުގެ މައްޗަށް ވާހަކަ ދެއްކެވީ "ދިވެހި ޗެނަލް" ޓީވީ ގެ ޕްރޮގްރާމެއްގައި މެމްބަރު މޫމިނާ ވަހީދާއި އައިމިނަތު ޝިފާތް އަބްދުއް ރައްޒާގް ބައިވެރިވެ ވަޑައިގެނެވެ.

އެ ޕްރޮގްރާމްގައި ނަފްސާނީ ބަލީގެ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އިތުރުވަމުންދާ ކަމަށް މޫމިނާ ވިދާޅުވި އިރު އޭނާ ހަވާލާ ދެއްވާފައި ވަނީ މީގެ 18 އަހަރު ކުރީން 2003 ވަނަ އަހަރު އޭރުގެ ހެލްތު މިނިސްޓްރީން ހަދާފައިވާ ދިރާސާއަކަށެވެ.

ރޭގެ އެ ޕްރޮގްރާމްގައި އެ ދިރާސާއާ ހަވާލާދީ އޭނާ ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ކަންބޮޑުވާންޖެހޭ ވަރަށް ރާއްޖޭގައި ނަފްސާނީ ބަލީގެ މީހުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑާ ގުޅިގެން މިދިޔަ އަހަރު އައި ފުލް ލޮކްޑައުންގައި ވެސް ނަފްސާނީ ގިނަ މައްސަލަތައް ދިމާވެފައިވާ ކަން ފާހަގަ ކުރެއްވުނު ކަމަށެވެ.

މޫމިނާ ވިދާޅުވީ ރާއްޖޭގައި އެ މައްސަލަ އޮތުމުން ނަފްސާނީ ދުޅަހެޔޮކަން، ގާނޫނަކަށް ހަދައި ސިޔާސަތެއް އެކުލަވައިލަން ޖެހޭ ކަމަށެވެ.

އެ ޕްރޮގްރާމްގައި މެމްބަރު ޝިފާތު ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ފުރިހަމަ ދިރާސާއެއް ކޮށްފައު ނުވާ ކަމަށާއި އެކަމަކު ނަފްސާނީ އެހީ އެންމެ ބޮޑަށް ބޭނުންވާ މީހުނަކީ އަންހެނުން ކަމަށް ފާހަގަވެފައިވާ ކަމަށެވެ. ނަފްސާނީ ބަލީގެ ފަރުވާ މާލޭން ލިބުނު ނަމަވެސް އެހެން އަތޮޅުތަކުގެ ތެރޭގައި އެ ބައްޔަށް ފަރުވާ ކުރެވޭނެ ގޮތް ނެތް ކަމަށް ވެސް އޭނާ ރޭ ވިދާޅުވި އެވެ.

"ހިދުމަތްތަކަށް އެދޭ މީހުންގެ އަދަދަށް ބަލާއިރު ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ޑޮކްޓަރުން މަދު. އެވައިލަބިލިޓީ އަދި އެކްސްލަބިލިޓީ [ވާސިލު ނުވެވުން] އެކަންޏެއް ނޫން މައްސަލައަކީ. ނަފުސާނީ ބައްޔާ ގުޅިގެން އޮންނަ ސްޓިގްމާއާ ހެދި [އެހެން މީހުން ބަލައިގަންނަ ގޮތް] ފަރުވާ ހޯދަން މީހުން ޖެހިލުންވޭ" ޝިފާތު ވިދާޅުވި އެވެ.