އަބްދުﷲ ނާޒިމް އިބްރާހިމް

ދައުލަތުގެ ހައްގުތަކަށްވެސް އިހްތިރާމުކުރަންޖެހޭ: ނާޒިމު

ފަރުދުންގެ ހައްގުތަކަށް އިހްތިރާމް ކުރާ ގޮތަށް ދައުލަތުގެ ހައްގުތަކަށް އިހްތިރާމު ކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް އެޗްއާރްސީއެމް އިން ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ނާޒިމު ވިދާޅުވީ އިންސާނީ ހައްގުތަކުގެ ވާހަކަދައްކާއިރު ގިނަ ފަހަރު ހަމައެކަނި އިސްކަން ދެވެނީ ފަރުދުންގެ ހައްގުތަކަށް އެކަނި ކަމަށެވެ. އެކަމަކު ދައުލަތުގެ ހައްގުތަކެއް ހުންނާނެކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަން ކުރެވޭނީ މީހުންގެ ވިސްނުން ބަދަލުކޮށްގެން،" ނާޒިމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދާއިރާގައި ރާއްޖެއަކީ ކުރިއެރުންތަކަކާ އެކު ރަނގަޅު ހިސާބެއްގައި އޮތް ގައުމެއް ކަމަށެވެ. ތަހުޒީބު މުޖުތަމައެއްނަމަ ތަރައްގީގެ ކަންކަން ކުރިއަށް ގެންދާނީ އިންސާނީ ހައްގުތަކަށް އިސްކަންދީގެން ކަމުގައިވެސް ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަހަރު ކުރިއަށް ގެންދިޔަ "ރައިޓް ސައިޑް އޮފް ލައިފް" ދިރާސާގެ ރިޕޯޓްވެސް މިނިސްޓަރު ނާޒިމު ވަނީ މިރަސްމިއްޔާތުގައި ނެރެދެއްވާފަ އެވެ.

މިދިރާސާ އަކީ ރާއްޖޭގެ އިންސާނީ ހައްގުތައް ކަށަވަރު ކުރެވިފައިވާ މިންވަރު ވަޒަންކޮށް، ހައްގުތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް ހަދާފައިވާ ދިރާސާ އެކެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު އާއިލީ ހަވީރެއް ކުރިއަށް ގެންދިއުމަށްވެސް އެޗްއާރްސީއެމް އިން ވަނީ ނިންމާފަ އެވެ.