ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިދޭސީ ހިޔާ: ސަރުކާރުން ބޮޑެތި އިހުމާލުތަކެއް!

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބިދޭސީންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހިޔާ ފެސިލިޓީގައި އެ މީހުން ބެލެހެއްޓުމުގައި ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަން ހާމަވެއްޖެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތްތަކާއި ޕޮޒިޓިވްވުމަށް ފަހު ރަނގަޅުވެފައިވާ މީހުންތައް އެކަހެރިކޮށް ބެލެހެއްޓުމަށް އެކި މަރުކަޒުތައް ސަރުކާރުން ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 626 މީހުންގެ ޖާގައިގެ ހިޔާ ފެސިލިޓީއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީން މުޖުތަމައުއާ އެކަހެރި ކުރުމަށް ހާއްސަ ކުރެވިފައިވާ މަރުކަޒެކެވެ. އެ މަރުކަޒު ބަހަލައްޓަމުން އަންނަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ މަރުކަޒަށް ގޮސް އެތަނުގެ ހާލަތު ދެނެގަތުމަށް ފަހު މިއަދު އާންމު ކުރި ރިޕޯޓުގައި އެ ކޮމިޝަނުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ހިޔާ ފެސިލިޓީގައި ތިބީ މާލޭގެ އެކިއެކި ގެތަކުންނާއި ކަރަންޓީން މަރުކަޒުތަކުން ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނެ ބަދަލުކޮށްފައިވާ މީހުން ކަމަށް މަރުކަޒު ހިންގާ ފަރާތްތަކުން ބުނި ނަމަވެސް، މަރުކަޒަށް މީހުން ގެންނައިރު އެ މީހުންގެ ސިއްހީ އެއްވެސް ލިޔުމެއް ނުވަތަ އެ މީހަކީ ކާކު ކަމެއް އަދި ކޮން ތާކުން ގެންނަ މީހެއް ކަމެއް ވެސް ނޭނގޭ ކަމަށް މަރުކަޒު ހިންގާ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

މަރުކަޒުގައި ތިބި ބިދޭސީން އެއްވެސް ގޮތަކަށް ގިންތި ކުރެވިފައި ނުވާއިރު ބައެއް މީހުންނަކީ ފުރަތަމަ ޓެސްޓު ކުރުމަށް ފަހު އެކިއެކި ފެސިލިޓީތަކުންނާއި އެހެން ތަންތަނުން ގެނެވިފައިވާ މީހުން ކަމަށާއި އިތުރު ސާމްޕަލްތައް ނެގުމަށް އެއްވެސް އިދާރާއަކުން ނާންނަ ކަމަށް މަރުކަޒު ހިންގާ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެތަނަށް ބަދަލުކޮށްފައިވާ މީހުން 28 ދުވަސް ކަރަންޓީނުގައި ހޭދަކޮށްފައިވާ ކަމަށް މަރުކަޒުގައި ތިބޭ ބައެއް މީހުން މައުލޫމާތު ދިން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ބައެއް ބިދޭސީން ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ގުޅައި އަންގާފައިވީ ނަމަވެސް އެކަން ލިޔުމުން އަންގަމުން ނުދާ ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް މަރުކަޒުގައި ތިބި ބައެއް މީހުން ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ބުނެ އެޗްޕީއޭ އިން ދީފައިވާ ލިޔުން ބައެއް ބިދޭސީންގެ ފޯނުން ކޮމިޝަނަށް ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މަރުކަޒުގައި ބަހައްޓާފައިވާ ބިދޭސީންނަށް މާސްކާއި ސެނިޓައިޒާ ފަަދަ ތަކެތި ފޯރުކޮށްދެމުން ނުދާކން މުއައްޒަފުން ދީފައިވާ މައުލޫމާތުން އެނގޭ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި މާސްކު އަޅާފައި ހުރީ ކުރިން އަޅަމުން ދިޔަ މާސްކުތަކާއި އާއިލާ ނުވަތަ ރައްޓެހިން ފޮނުވާފައިވާ ތަކެތި ކަމަށާއި ދެން ތިބި މީހުން އެއްވެސް ވަރަކަށް މާސްކު ނާޅާއިރު ބައެއް މީހުން ލާ ހެދުން މާސްކު ގޮތުގައި ބޭނުން ކުރާ ކަން ފާހަގަ ކުރެވުނު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މަރުކަޒުގެ ވޯޑުތައް އެއްވެސް ވަރަކަށް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް އެތަނުގެ މުއައްޒަފުން ދީފައިވާ މައުލޫމާތުން އެނގޭ ކަމަށް ރިޕޯޓުގައި ބުނެއެވެ.

ހިޔާ ފެސިލިޓީގައި ޑޮކްޓަރަށް ދައްކާ މީހުންނަށް ދިނުމަމަށް އެކަށީގެންވާ ބޭސް ނެތް ކަމަށާއި މިވަގުތު ދެމުން ގެންދަނީ ޕެނެޑޯލާއި ކޯފް ސިރަޕް ކަމަށް ސިއްހީ ބައިގައި މަސައްކަތް ކުރާ މީހުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި އެތަނުގައި ތިބޭ ބިދޭސީންނަަދް ސައިކޯ ސޯޝަލް ސަޕޯޓް ދޭނެ އެއްވެސް އިންތިޒާމެއް ނެތްއިރު އެކަންކަން ހަމަޖެހިފައި ހުންނަން ވާނެ ކަމަށް ހެލްތު މިނިސްޓްރީގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މާރަމާރީ ހިންގައި ފެސިލިޓީން ފިލަން އުޅޭ"

މަރުކަޒުގައި ތިބޭ ބިދޭސީން އުޅޭ ގޮތް މޮނިޓާ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށާއި އެތަނުގައި ހަމަނުޖެހުމާއި މާރަމާރީ ފަދަ ހާދިސާތައް ހިނގާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ބައެއް މީހުން މަރުކަޒުން ފިލަން އުޅުމުގެ ހާދިސާތައް ވެސް ހިނގާފައިވާއިރު މަތީ ފްލޯތަކުން ވާގަނޑެއް ތިރިކޮށްގެން ވެސް ފިލަން މަސައްކަތް ކުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެހެން ފެސިލިޓީއަކަށް ބަދަލު ނުކޮށްފި ނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން މަރުކަޒުގައި ތިބޭ މީހުންގެ އާއިލާއަށް ގުޅޭނެ އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށާއި އެކަން ކުރަނީ އެ މީހުންގެ އަމިއްލަ ފޯނުން ކަމަށެވެ. އަދި މުނިފޫހިފިލުވުމުގެ އެއްވެސް އިންތިޒާމެއް ވެސް ހަމަޖައްސާފައި ނުވާ ކަމަށް މިހާތަނަަށްވެސް މުޅިންވެސް ރިޕޯޓް ނެރެމުން އަންނަ ކޮމިޝަންގެ ރިޕޯޓްގައިވެއެވެ.

ބައެއް ބިދޭސީން ފިލަން މަސައްކަތް ކުރާއިރު އެތަނުގައި ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލް އަށް ނިސްބަތްވާ 326 މީހުން ތިބި ކަމަށް ފެސިލިޓީ ހިންގުމަށް އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދިން ނަމަވެސް ފެސިލިޓީގައި ތިބީ 302 މީހެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ވޯޑުތަކުގައި ގައި ދުރުކަަން ބެހެއްޓޭނެ ގޮތެއް ނެތް"

ބަލި މީހުން ބޭތިއްބުމަށް ހާއްސަ ކުރެވިފައިވާ ކޮންމެ ވޯޑެއްގައި 30 ނުވަތަ 36 މީހުން ތިބި ކަމަށާއި އެއް ވޯޑެއް ފިޔަވާ ހުރިހާ ތަނަކު ބަންކް އެނދު ހުރި ކަމާއި އެނދުތައް ބެހެއްޓިފައި ވަނީ އެއް އެނދު އަނެއް އެނދާއި ގާތްގާތުގައި ކަމަށް އެޗްއާރްސީއެމް އިން ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން މަރުކަޒުގައި ގިނަ އަދަދެއްގެ ބަލި މީހުން ވޯޑުތަކުގައި ތިބެން ޖެހުމުން ގައިދުރުކަން ނުބެހެއްޓޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ކަރަންޓީން ފެސިލިޓީ މެނޭޖްމަންޓް ހޭންޑްބުކް" ގައި މަރުކަޒުގައި ތިބޭ ފަރާތްތައް ގައިދުރުކޮށް އެއް މީޓަރު ދުރުގައި ތިބެން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ވޯޑުތަކުގައި ވައި ދައުރުވާނެ ގޮތް ހުރި ނަމަވެސް އެއްވެސް ވޯޑެއްގައި ފަންކާ ނުހުންނަ ކަމަށާއި އޭގެ ސަބަބުން ދުވާލު ވަގުތު ހޫނު ގަދަ ކަމަށް ބިދޭސީން ބުނެފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

މަރުކަޒުގައި ތިބޭ ފަރާތްތައް ފެންވެރުމަށް 32 ޝަވަރު ހަރުކޮށްފައިވީ ނަމަވެސް ޝަވަރު ހަރުކޮށްފައިވާ ތަނުގައި އެކަކު އަނެކަކަށް އެއްވެސް ހުރަހެއް ނެތި ގާތްގާތުގައި ފެން ވަރަން ޖެހޭ ކަމަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެތަނުގައި ފެން ދައުރުވާނެ ގޮތެއް ވެސް ރަނގަޅަކަށް ނެތް ކަމަށް އެ ކޮމިޝަނުން ފާހަގަ ކުރެ އެވެ.

މަރުކަޒުގައި ތިބޭ ފަރާތްތަކަށް ތިން އިރުގެ ކެއުމާއި ރޯދަ ވީއްލުމަށާއި ހާރު ގަޑިއަށް ކާން ލިބޭ ކަމަށާއި ނަމަވެސް ކާން ލިބޭ އެތިކޮޅު މަދުކަމުގެ ޝަކުވާ ލިބުނު ކަމަށެވެ. އަދި އިތުރަށް ކާއްޗިއްސަށް އެދުމުން ފޯރުކޮށް ނުދޭ ކަމަށާއި އޭގެ ސަބަބުން މަރުކަޒުގައި ތިބޭ ފަރާތްތަކުގެ ހައިހޫނުކަން އެންމެ އެދެވޭ މިންވަރަށް ނުފިލާ ކަމަށް އެ މީހުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހިޔާ ފެސިލިޓީގައި އެކި ގައުމުތަކުގެ މީހުން ތިބޭއިރު ތަރުޖަމާނަކު ވެސް ނެތް ކަމަށާއި މައްސަލަތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް 1186 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 612 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި 112 އިންޑިއާ މީހުންނާއި 16 ނޭޕާލް މީހުންނާއި އަށް ސްރީ ލަންކާ މީހުން ހިމެނެ އެވެ.