ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި ފުރަތަމަ މީހަކަށް ވާން އިސް ނެންގެވީ ހިތްވަރު ދިނުމުގައި އެހެން މީހުނަށް މިސާލު ދައްކަން ކަމަށް އެންމެ ފުރަތަމަ ކޮވިޑް ވެސްކްސިން ޖެއްސެވި މެޑިކަލް ޑޮކްޓަރު، ހުޅުމާލެ ހޮސްޕިޓަލުގެ ޑރ. ޝިރާނީ އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި އެންމެ ގިނަ ދުވަސްވީ ޑޮކްޓަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޝިރާނީ ވަނީ ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމްގައި ބައިވެރި ވަޑައިގެން ފުރަތަމަ ވެކްސިން ޖައްސަވައި ތާރީހުގެ ތެރެއަށް ވަދެ ވަޑައިގެންފަ އެވެ.
ވެކްސިން ޖެއްސެވުމަށް ފަހު ޝިރާނީ ވިދާޅުވީ ކޮވިޑް ވެކްސިނަށް ރައްޔިތުން އިތުބާރު ކުރާނީ ވެސް އަދި ރައްޔިތުންނަށް ހިތްވަރު ލިބޭނީ ވެސް ކޮންމެވެސް ބަޔަކު އިސް ނަގައި ވެކްސިން ޖެހުމުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެހުން ވެސް ލިބި ވަޑައިގެންނެވި ކަމަށެވެ.
"ވެކްސިނަށް އިތުބާރު ކުރާނީ ވެސް އަދި ރައްޔިތުންނަށް ހިތްވަރު ލިބޭނީ ވެސް ކޮންމެވެސް ބަޔަކު އިސް ނަގައި ވެކްސިން ޖެހުމުން،" ޝިރާނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފެށުމަކީ ކުރިއަށް އޮތް ތަނުގައި ކޭސްތައް މަދުކުރަން މަގުފަހިވާނެ ކަމެއް ކަމަށާއި ކޮރޯނާ ވައިރަހުގައި ރާއްޖެއިން މިހާރު ވެސް ވަރަށް ގިނަ ފުރާނަ ވަކި ގޮސްފައިވާ ކަމަށެވެ.
ޝިރާނީ ވިދާޅުވީ ރާއްޖޭގައި ޖަހާ އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސިން ޖަހައިގެން މިހާތަނަށް އެއްވެސް ކަހަލަ އުނދަގުލަކާ ދިމާ ނުވާ ކަމަށެވެ.
"ވެކްސިން ޖަހަން ކަށި ކޮށްޕާލި ވަގުތު އިހުސާސުވި ތަދު ނޫން އެހެން އެއްވެސް ތަދެއް އިހުސާސެއް ނުވޭ! ދެވަނަ ޑޯޒް ޖަހަން ވެސް މިހުރީ ތައްޔާރަށް" އޭނާ ވިދާޅުވި އެވެ. "މިއީ އެއްވެސް ނުރައްކަލެއް އޮތް ވެކްސިނެއް ނޫން"
މިއަދު ސޯޝަލް ސެންޓަރުގައި ފެށި ވެކްސިން ޕްރޮގްރާމްގައި ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖެއްސެވި ބޭފުޅަކަށް ޝިރާނީ ވެވަޑައިގެންނެވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ރާއްޖޭ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކުގެ އިތުރުން ބައެއް އެހެން ވަޒީރުން ވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ.