ވިޔަފާރި

ކާނި ހޮޓެލް ހިންގާ ކުންފުނިން މާފުށީގައި ހިތް ގައިމު ކެފޭއެއް

Dec 11, 2016
  • ހުޅުވާފައިވަނީ މާފުށީ ބަނދަރު މަތީގައި
  • ކެފޭގައި ކެއިން ބުއިމުގެ ގިނަ ބާވަތްތައް ހުރޭ
  • އަގުތައް އެކަށީގެންވޭ، ގިނަ ބާވަތްތައް ހުރޭ

މާފުށީ ކާނި ހޮޓަލް ހިންގާ ކުންފުނިން މާފުށީ ބަނދަރު ސަރަހައްދުގައި ހިތް ގައިމު ކެފޭއެއް ހުޅުވައިފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވީ މާފުއްޓަށް މީހުން އަރާ ހިސާބު ބަނދަރުގައި ހުޅުވި މި ތަނުން، ތަފާތު ބާވަތްތައް ލިބޭނެ އެވެ.

"މިތަން [ހާބަރު ކެފޭ] ހުޅުވުމުގެ ބޭނުމަކީ މާފުށީގައި އާއްމު އަގުތަކުގައި ކެއިން ބުއިމުގެ ސާމާނު ވިއްކާ ތަނެއް ނެތް. އެހެންވެ މިތަން ހުޅުވީ،" ނަޝީދު ވިދާޅުވި އެވެ.

"ހާބަ ކެފޭ" ގެ ނަމުގައި ހުޅުވި މިތަނުން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ސަބްމެރިން އާއި ސޭންޑް ވިޗްގެ އިތުރުން އާއްމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތްތައް ހިމެނެ އެވެ. އަދި ތަފާތު ބުއިންތައް ވެސް ލިބެން ހުރެ އެވެ.

ކާނި ހޮޓެލްސްއަކީ މާފުށީގައި އެންމެ ފެންވަރު ރަނގަޅު ގެސްޓް ހައުސް ހިންގާ ކުންފުންޏެވެ.އެ ކުންފުނީގެ ދަށުގައި "ކާނި ބީޗް ހޮޓެލް" އާއި "ކާނި ވިލާ އެންޑް ސްޕާ" އަދި "ކާނި ލޮޖް" ގެ އިތުރު "ކާނި ޕްރިންސަސް" ގެ ނަމުގައި ސަފާރީއެއް ވެސް ހިންގަ އެވެ. އަދި މާފުށީގައި 50 ކޮޓަރީގެ އިތުރު ހޮޓަލެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރުގެ މި ހޮޓާ ހުޅުވާނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ.