"ގަވައިދާ ހިލާފަށް ކުށްވެރިންނަށް މަރުގެ އަދަބު ދޭ" ކަމަށް ބުނެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑިޔުޓްރޭޓްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެގައުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ދެ މެންބަރަކު ވިދާޅުވެއްޖެއެވެ.
އެ ގައުމުގެ ޑާވޯ ސިޓީގެ މެޔަރަކަށް ޑިޔުޓްރޭޓް ހުންނެވިއިރު އެ ސީޓީގެ ބޮޑެތި ކުށްވެރިންނަށް މަރުގެ އަދަބު އޭނާ އަމިއްލަ އަށްވެސް ކަނޑައަޅާފައިވާ ކަމަށް ދާދި ފަހުން ޑިޔުޓްރޭޓް ވަނީ ވިދާޅުވެފައެވެ.
ޑިޔުޓްރޭޓްގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި މަޖިލީހުގެ މެންބަރެއް ކަމަށްވާ ލެއިލާ ޑި ލޭމާ އާއި މެންބަރު ރިޗަޑް ގޯޑަން، މަޖިލީހުގެ ޖަސްޓީސް ކޮމިޓީގައި ވާހަކަ ދައްކަމުން ވިދާޅުވީ ގަވައިދާ ހިލާފަށް ކުށްވެރިންނަށް މަރުގެ އަދަބު ދޭ ކަމަށް ރައިސް ވިދާޅުވުމަކީ މަގާމުން ދުރު ކުރުމަށް އޮތް ގާނޫނީ ހައިސިއްޔަތެއް ކަމަށެވެ.
"މިއީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމުގެ ހެއްކެއް ގަވައިދާ ހިލާފަށް މީހުން މެރުމަކީ އެންމެ ބޮޑު ކުށް، އެއީ މަގާމުން ދުރުކުރަންޖެހޭ ސަބަބެއް." ސީއެންއެން ގައި ވާހަކަ ދައްކަމުން ޑި ލޭމާ ވިދާޅުވިއެވެ.
މީޑިއާ ވާހަކަ ދައްކަމުން ގޯޑަން ވިދާޅުވީ ޑިޔުޓްރޭޓް އަމިއްލަ އަށް އިއުތިރާފު ވުމަކީ ހެއްކެއް ކަމަށާއި މިމައްސަލަ ފެންމަތިކޮށް އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާނެ ކަމަށެވެ.
ނަމަވެސް ޖަސްޓިސް މިނިސްޓަރު ވިޓަލިއާނޯ އަގުއިރޭ ވިދާޅުވީ ޑިޔުޓްރޭޓްގެ ދެއްކެވި ވާހަކަ ތައް ދައްކަނީ "އިތުރަށް ބޮޑުކޮށްގެން" ކަމަށެވެ.
"ރައީސްގެ ވާހަކަ ފުޅުތަކަށް އިތުރު ބާރު ހޯއްދެވުމަށް ރައީސް އަބަދުވެސް ވާހަކަ ދައްކަވާނެ ނަމަވެސް ރައީސް އަމިއްލަ ފުޅަށް ބޮޑެތި ކުށްވެރިންނަށް މަރުގެ އަދަބު ކަނޑައަޅުއްވާ ކަމަށް ދެއްކެވި ވާހަކަ އަކީ ސީދާ ރައީސް އެކަން ކުރައްވާ ކަމެއް ނޫން އެއީ ގާނުނު ތަކުގައި އޮތް ގޮތް."
ވެރިކަމަށް ކުރެއްވި ކެމްޕޭންގައި ޑިޔުޓްރޭޓް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިގޭ ހާލިތައް ފުނޑުފުނޑުކޮށްލާނެ ކަމަށް ވައުވެ ވަޑައިގެންފައެވެ.
މަސްތުވާ ތަކެތީގެ ވިޔަފަރި ކުރާ 2000 ވުރެ ގިނަ މީހުންނަށް މިހާތަނަށް ޑިޔުޓްރޭޓްގެ ސަރުކާރުން ވަނީ މަރުގެ އަދަބު ދީފައެވެ.
ފިލިޕީންސްގައި ރައިސްގެ އިތުބާރު ނެތް ކަމަށް ވޯޓް ނަގާ ނަމަ، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަަކައި މަޖިލީހުގެ ތިން ބައި ކުޅަ އެއްބައި މެންބަރުންގެ ވޯޓް ބޭނުންވެއެވެ. އަދި އިތުބާރު ނެތް ކަަމަށް ފާސް ވަނީ ތިން ބައި ކުޅަ ދެ ބައިގެ ވޯޓް ލިބުމުންނެވެ.