ރިޕޯޓް

ޒިކާ އެންމެފަހުން ރާއްޖެއަށް، ސަމާލުވާން ޖެހިއްޖެ

  • ބަލި ފެތުރެނީ އީޑީސް މަދިރިން
  • މަދިރި ނައްތާލުން އިތުރު ކުރަން ވެއްޖެ
  • މާބަނޑު މީހުން ސަމާލުވާން ޖެހޭ ވަރު އިތުރު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިކާ ވައިރަސް ފެނުމުން އެހާ އަވަހަށް އެ ބަލި ރާއްޖެއަށް އައިސް ދާނެ ކަމަކަށް ގިނަ މީހުންނަކަށް ގަބޫލެއް ނުކުރެވެ އެވެ. ދަތުރުފަތުރުގެ ނިޒާމަކުން މުޅި ދުނިޔެ ގުޅިފައިވާ މި ޒަމާނުގައި ދުނިޔޭގައި ފެތުރެެމުން އަންނަ ބައްޔެއް ރާއްޖެއިން ނުފެންނަންވީ ސަބަބެއް ވެސް ނެތެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގައި ޒިކާ ވައިރަސް ފެތުރެން ފެށުމާއެކު ރާއްޖެއިން އެކަމަށް ތައްޔާރުވި އެވެ. ހުން އައިސްދާނެ ކަމަށް ރަޖާ ލައިގެން ތިއްބާ ޒިކާގެ ވާހަކަ އޮބުނީ އެވެ. ނުވަތަ އެވާހަކަ ހުއްޓުނީ އެވެ. ނަމަވެސް މީގެ ދެދުވަސްކުރިން ދެން އިވިގެން ދިޔައީ ދެ ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނުނު ހަބަރެވެ. ޑެންގީއަށް ވުރެ ނުރައްކާތެރި މި ބަލި އެންމެ ފަހުން ރާއްޖެއިންވެސް ފެނުނީ އެވެ.

"ޒިކާ ވައިރަސް ރާއްޖެ އަތުވެދާނެ ކަމުގެ ބިރު އޮތުމާއެކު އަޅުގަނޑުމެން ވާނީ ޒިކާއަށް ޓެސްޓު ކުރެވޭނެ އިންތިޒާމް އައިޖީއެމްއެޗުގައި ހަމަޖައްސާފައި. އަދި އަންނަ ހަފްތާ ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބަކުން ސާމްޕަލް ނަގައިގެން މާލެ ގެނެސް ޓެސްޓު ހެދޭނެ އިންތިޒާމްވެސް ހަމަޖެއްސޭނެ" އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

ވައިރަސް ފެތުރެނީ އީޑީސް މަދިރިން

ގިނަ މީހުންނަށް ހީވަނީ އީޑީސް މަދިރިއަކީ ހަމައެކަނި ޑެންގީ ހުން، ޗިކުންގުންޔާ އަދި މެލޭރިއާ ފަތުރާ އެއްޗެއް ކަމަށެވެ. ނަމަވެސް މި މަދިރިއަކީ ޒިކާ ވައިރަސްވެސް ނިކަން ހަލުވި ސްޕީޑެއްގައި ފަތުރާ އެއްޗެކެވެ. އެހެންކަމުން އީޑީސް މަދިރީގެ ނުރައްކާ މިވަނީ އެތައް ގުނައަކަށް އިތުުރުވެފަ އެވެ. އެހެންވުމުގެ ސަބަބުން މި ބަލި ފެތުރުމުގެ ނުރައްކާ އެންމެ ބޮޑީ މިވެނި ސަރަހައްދެއްގަ އެކޭ ބުނެވޭކަށް ނެތެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ ޒިކާގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑީ ކޮން ސަރަހައްދެއްގައި ކަމެއް ބުނާކަށް. އެއީ އީޑީސް މަދިރި އެންމެ ގިނަ ހިސާބުގައި ޒިކާ ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ. އެއީ އީޑީސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔަކަށްވާތީ. އެހެންވެ އަޅުގަނޑުމެން އިލްތިމާސް ކުރަނީ މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލަން." އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެއިން ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވި ދެ މީހުންވެސް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށްވިޔަސް މުޅި ރާއްޖެއަށް އެބަލީގެ ނުރައްކާ އެބައޮތެވެ. އެއީ ރާއްޖެެއަކީ އީޑީސް މަދިރީގެ "ހާއްޔަކަށް" ވާތީ އެވެ. މީގެއިތުރުން ޒިކާ ވައިރަހަކީ ޖިންސީ ގުޅުމުގެ ސަބަބުން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވެސް ފަހުގެ ހޯދުންތަކުންވަނީ އެނގިގެން ގޮސްފަ އެވެ.

އެންމެ ނުރައްކަލީ މާބަނޑު މީހުންނަށް

ޒިކާ ވައިރަހުން ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯ ސެފަލީ ކިޔާ ބައްޔެއް ޖައްސަ އެވެ. އެބަލީގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑި އަދި ބޮލުގެ ނާށިގަނޑު ހެދިބޮޑުވުމަށް ހުއްޓި ކުއްޖާ އުފަންވާއިރު ބޯ އައިބުވެ އެވެ. އެހެންވުމުގެ ސަބަބުން ކުއްޖާ ދިރިހުރުމުގެ ފުރުސަތު ކުޑަވެ އެވެ. މައިކްރޯސެފަލީގެ ނުރައްކާ ބިނާވަނީ އޭގެ އަސަރު ކުއްޖާގެ ސިކުނޑިއަށް ކުރާ ގޮތަކަށް ކަމަށް ސައިންސްވެރިން ބުނެ އެވެ.

މައިކްރޯ ސެފަލީ ޖެހުމުގެ ފުރުސަތު ކުއްޖާއަށް ކުރިމަތިވަނީ ހަމައެކަނި ޒިކާ ވައިރަހުގެ ސަބަބުންނެއް ނޫނެވެ. މާބަނޑު ދުވަސްވަރު މައިމީހާ މަސްތުވާތަކެތި ބޭނުންކުރުމަކީ ވެސް ބަނޑުގައި އޮންނަ ކުއްޖާ އަށް މައިކްރޯސެފަލީ ޖެހިދާނެ ސަބަބެކެވެ.

ނަމަވެސް މައިްކރޯސެފަލީ އަދި ނާރުތަކަށް ޖެހޭ ބައްޔެއް ކަމަށްވާ "ގިލެއިން ބާރޭ ސިންޑްރޯމް" ރާއްޖެއިން ފެންނަވަރު އިތުރުވެފައެއް ނެތެވެ. އޭގެ މާނައަކީ ކަންބޮޑުވާން ޖެހޭ ދަރަޖައަށް ޒިކާ ވައިރަސް ފެތުރެމުން ނުދިޔުމެވެ. އެހެން ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުން މި ވަނީ މުހިންމުވެފަ އެވެ.

ޒިކާ ވައިރަހަށް އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައެއް ނުވެ އެވެ. އެހެންކަމުން މި ބަލި ޖެހިފައިވާ މީހަކު ދަރިއެއް ހޯދުމަށް ދެ އަހަރެއްހާ ދުވަހު މަޑުކުރަން ސިއްހީ މާހިރުން އިލްތިމާސްކުރެ އެވެ.

ޒިކާ ވައިރަސް ހަށިގަނޑުން ފެނުމަށް ފަހު ފަރުވާ ދީގެން އެ ވައިރަސް އެއްކޮށް ފޮޅާލުމަށް މަދުވެގެން 21 ދުވަސް ނަގަ އެވެ. މިއީ ވައިރަސްގެ ހުރިހާ އަސަރެއް ހަށިގަނޑުން ދުއްވާލުމަށް ނަގާ ދުވަހުގެ އަދެވެ. މި 21 ދުވަހަށް ފަހު ބަލިވެއިނދެފި ނަމަ ބަނޑުގައި އުފެދޭ ކުއްޖާ އަށް ޒިކާގެ ބިރުވެރިކަމެއް ނެތެވެ.

ޑެންގީ ހުމުގެ އަލާމާތްތައް

ޒިކާ ވައިރަހުގެ އަލާމާތްތަކުގެ ގޮތުގައިވެސް ފެނިގެންދަނީ ޑެންގީ ހުމުގެ ސަބަބުން ފެންނަ އަލާމާތްތަކެވެ. މި އަލާމާތް ހަށިގަނޑުން ފެންނަން މަދުވެގެން 12 ވަރަކަށް ދުވަސް ނަގާއިރު މި އަލާމާތްތައް ފެނުމުގެ ފުުރުސަތު އޮންނަނީވެސް ކޮންމެ 100 މީހުންގެ ތެރޭން 20-25 މީހުންގެ ގައިންނެވެ. ޒިކާ ވައިރަހުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ގައިގާ ރިއްސުމާއި، ގައިގައި ކުދި ރަތް ބިހިތަކެއް ނެގުން އަދި ބޮލުގައި ރިއްސުންވެސް ހިމެނެ އެވެ. މީގެ އިތުރުން ހުޅުތަކުގައި ރިއްސުމާއި ލޯ ރަތްވުމަކީވެސް ޒިކާގެ އަލާމާތެކެވެ.

ޒިކާ ވައިރަސް އިން ރައްކާތެރިވުމަށް މަދިރިއުފެދޭ ފަދަ ތަންތަން ނައްތާލައި ފެން އުފެދޭ ޒާތުގެ ކުނި ރައްކާތެރިކަމާ އެކު ނައްތާލުމަށް އަދި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާކުރުމާ އެކު މަދިރި ލޯޝަން ބޭނުންކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރެ އެވެ އަދި މާބަނޑު ދުވަސްވަރު ހުރަސް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުމަށާއި މާބަނޑުވުމުގެ ކުރިން އަދި މާބަނޑު އިރު ޒިކާގެ މައުލޫމާތު ހޯދުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޒިކާއާ ދެކޮޅަށް ކުރެވޭނެ މައިގަނޑު މަސައްކަތަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމެެވެ. މަދިރި ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ބާރު ކުރުމެވެ. ފެން ހަރުލާ ފަދަ ކުނި ބުނި ރައްކާތެރިކަމާ އެކު ނައްތާލުމެވެ. އަތު ޖެހުނުހާ ތަނަކަށް ކުނި ނޭޅުމެވެ. މަދިރި ލޯޝަން ބޭނުން ކުރުމާއި މަދިރި މަރާނެ އެކި އާލާތްތައް ބޭނުން ކުރުމެވެ. ޒިކާއިން ރައްކާތެރިވުމުގެ މަސައްކަތުގައި ފަރުދީ ޒިންމާ ވެސް އިންތިހާއަށް ބޮޑެވެ.