ލައިފްސްޓައިލް

ވަރުބަލިވެ ބަލިކަށިވުމަކީ މުސްކުޅިވުމުގެ އަލާމާތެއް ނޫން

Dec 19, 2016

އެކަމަކު ވަރަށް ގިނަ މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ މިހެންނެވެ. އެކި ސަގާފަތުގެ މީހުންގެ މެދުގައި ވެސް މި ގަބޫލުކުރުން ހަމަ މި ގޮތުގައި އެބައޮތެވެ. އެކަމަކު ތަޖުރިބާކާރުންނާއި ފަހުގެ ދިރާސާތައް ބުނާ ގޮތުން ނަމަ ޒަމާނުއްސުރެން ގަބޫލުކުރެވިފައި މި އޮތީ ކުށްހީއެކެވެ.

ވަރުބަލިވެ ލޮޑުކަން އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް އިހްސާސްކުރަން ޖެހުމަކީ މުސްކުޅިވުމުގެ އަލާމާތެއް ނޫނެވެ. ބަލިކަށިވެ ނަފުސާނީ ނިކަމެތިކަމަކާ އެކު ޑިޕްރެޝަން ފަދަ މައްސަލަތަކުގެ ތެރެއަށް ދަމައިގެން ދިއުމަކީ މުސްކުޅިވުމުގެ މައްސަލައެއް ނޫނެވެ. ނަމަވެސް އުމުރުން ދުވަސްވެފައިވާ މީހަކަށް މިފަދަ ސިއްހީ މައްސަލަތަކެއް ކުރިމަތިވާ ނަމަ ނުވަތަ ކުރިމަތިވެފައިވާ ނަމަ އަބަދުވެސް ޒިންމާ އެޅުވެނީ އެމީހެއްގެ މުސްކުޅި އުމުރުގަ އެވެ.

އުމުރުން ދުވަސްވެ މުސްކުޅިވެ ލޯ ބޯ ކޮށިވަމުންދާ ވަރަކަށް ހަށިގަނޑު ބަލިކަށިވެ ނިކަމެތިވަމުންދާ ވާހަކަ އަކީ ވެސް ހަގީގަތެވެ. ނަމަވެސް އެއީ ކުއްލިއަކަށް އަންނަ ބަދަލެއްގެ ބަދަލުގައި މަރުހަލާތަކަކަށް ބެހިގެން ދިގުދެމިގެންދާ ސިލްސިލާ އެކެވެ. އެހެންވީމަ އުމުރުން ދުވަސްވެފައިވާ މީހަކަށް ކުއްލިއަކަށް ހަނދާނުގެ މައްސަލަ އާއި ސިކުނޑީގެ މައްސަލަ ނުވަތަ ވަރުބަލިކަމާއި ލޮޑުކަން އިހްސާސްކުރެވޭ ނަމަ އެއީ ސިއްހީ ތަޖުރިބާކާރެއްގެ ލަފާ ހޯދައި ފަރުވާ އަށް އަވަސްވެގަތުމަށް ދޭ އިންޒާރެކެވެ.

މިފަދަ ސިއްހީ މައްސަލަތަކެއް ދިމާވާ ނަމަ، އެއީ ހަމައެކަނި މުސްކުޅިވުމުގެ އަލާމާތްތަކެކޭ ކިޔާފައި ނިންމާލައިގެން ނުވާނެ އެވެ. ސަބަބަކީ އުމުރުން 90 އަހަރުން މައްޗަށް ދާއިރު ވެސް ގަދަވެ ސަލާމަތުން ހުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮތީމަ އެވެ. އެކަމަކު އެ ފުރުސަތު މި ލިބެނީ އެމީހެއްގެ ދުޅަހެޔޮ ދިރިއުޅުމެއްގެ ސަބަބުންނެވެ.

މިސާލަކަށް އުމުރުން ދުވަސްވެފައިވާ މީހަކަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ އެއްގޮތަކީ އިޖުތިމާއީ ހަރަކާތުގެ ހަލަބޮލިކަމުން އެއްކިބާވެ، އާންމުންގެ ދިރިއުޅުމުގެ ހަވާސާ އަށް އެމީހަކު ޖެހިގެން ދިއުމެވެ. އާންމުކޮށް މުސްކުޅި އުމުރަށް އެޅުމަކީ އެކުވެރިން މަދުވެ، މުޖުތަމައުގެ އުފަލާއި މަޖަލުން އެމީހަކު ބާކީވެ އެކަހެރިވެގެންދާ ކަމެކެވެ.

މިއީ ނަފުސާނީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިކޮށްފާނެ ކަމެކެވެ. ކުރިން ދިރިއުޅުނު އިޖުތިމާއީ ހަލަބޮލިކަމުން ނެއްޓިގެން ދިއުމުން ޑިޕްރެޝަން އަށް މީހާ ގެންދާ ފަދަ ސިއްހީ މައްސަލަތަކަށް ވެސް ހުށަހެޅިދާނެ އެވެ. އެހެންވީމަ އުމުރުން ދޮށީ މީހުން އެކަހެރިނުކޮށް އާންމުންގެ ތެރޭގައި ހަމަހަމަކަމުގައި ގެންގުޅުމަކީ ދެން އޮތް ޒުވާން ޖީލަށް އެމީހުންގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރެވޭނެ އެއްގޮތެވެ.