އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭން ބިދޭސީންނަށް މެޑިކަލް ރިޕޯޓް ދޫކުރަން ފަށާނީ އަންނަ މަހު

Dec 21, 2016

ބިދޭސީންގެ ވޯކް ޕާމިޓް ހެދުމަށްޓަކައި ހަދަން ޖެހޭ މެޑިކަލް ރިޕޯޓް ހެދުމުގެ ހިދުމަތް އަލުން ދޭން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މީގެ ކުރިން ބިދޭސީންނަށް އޭޑީކޭ ހޮސްޕިޓަލުން މެޑިކަލް ޗެކަޕް ރިޕޯޓް ހައްދައިދެމުން ދިޔަ ނަމަވެސް، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މި މަހުގެ ހަވަނަ ދުވަހު އެ ހޮސްޕިޓަލްގެ މެޑިކަލް ޗެކަޕް ރިޕޯޓް ބަލައިނުގަތުމަށް ނިންމާފަ އެވެ. އެ ހޮސްޕިޓަލުން އެ ހިދުމަތް ދިނުން ހުއްޓާލީ އެހެންވެ އެވެ.

އެހެނަސް އިމިގްރޭޝަނުން ވަނީ މި މަހުގެ 18 ވަނަ ދުވަހު އެ ނިންމުން އަނބުރާ ގެންގޮސް، އޭޑީކޭގެ މެޑިކަލް ޗެކަޕް ރިޕޯޓް ވެސް ބަލައިގަތުމަށް ނިންމާފަ އެވެ.

އިމިގްރޭޝަނުން އެގޮތަށް ނިންމުމުން މިއަދު އޭޑީކޭއިން ބުނީ އަލުން ބިދޭސީންނަށް މެޑިކަލް ޗެކަޕްގެ ހިދުމަތް ދޭން ފަށާނީ ހިދުމަތް ދިނުމުގައި ބަދަލުތަކެއް ގެނައުމަށްފަހު ކަމަށެވެ. އެހެންކަމުން އެ ހިދުމަތް ދޭން ފަށާނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކަމަށެވެ.