މޫސާ ޒަމީރު

ނުހުޅުވި ހުރި ރިސޯޓުތަކަށް ސަރުކާރުން އެހީއެއް ދެނީ

ބޮޑު ބައެއް ނިމި އެކި ސަބަބުތަކާ ހުރެ ނުހުޅުވި ހުރި ރިސޯޓްތަކަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ޒިޔާރަތްކޮށް، އެ ރިސޯޓްތައް އަވަހަށް ހުޅުވޭނެ ގޮތަކީ ކޮބައިތޯ ބަލަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު "އަވަސް" އަށް ވިދާޅުވީ، ބައެއް ސަބަބުތަކާއި ކުދިކުދި ކަންކަމާ ގުޅިގެން ހުޅުވުން ލަސްވެފައިވާ ރިސޯޓް ރަށްރަށް ވީއެންމެ އަވަހަކަށް ހުޅުވުމަށް އަންނަ އަހަރު ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އެކަމަށްޓަކައި މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ވެސް ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެފަދަ ރިސޯޓްތަކަށް ބޭނުންވާ ކަންކަން މިނިސްޓްރީން އަވަހަށް ފުއްދައިދޭނެ ކަމަށާއި އެކަން ކަމަކީ ކޮބަތޯ ބަލަން މިހާރު ނިންމާފައިވާ ކަމަށެވެ.

"އަންނަ އަހަރު ފަށައިގަންނާނެ އެންމެ ބޮޑު މަސައްކަތްތަކީ މިހާރު ވަކި ޕަސެންޓަކަށް ހަދާ ނިމިފައިވާ ރިސޯޓްތަކަށް އަޅުގަނޑުމެންގެ ޓީމްތައް ޒިޔާރަތްކޮށް، އެ ބޭފުޅުން މިނިސްޓްރީއަށް ގެނެސް ދެން އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ކޮން ކަމެއްތޯ އެ ބޭފުޅުންނަށް ކޮށްދޭނީ ބެލުން، ކޮން ކަމެއް ކޮށްދިނީމަތޯ ރިސޯޓްތައް އަވަހަށް ހުޅުވައި، ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވޭނީ ބެލުން،" މިނިސްޓަރު ވިދާޅުވި އެވެ. "މިސާލަކަށް ހުރެ ދާނެ ވަރަށް ކުދިކުދި ކަންކަން ސަރުކާރުން ކޮށްދީފިއްޔާ އޭގެ ނަތީޖާއަކަށް އަވަހަށް ރިސޯޓް ހުޅުވިދާނެ ކަންކަން، އެހެން އެބަހުރި ބައެއް ރިސޯޓްތައް ވަކި ހިސާބަކަށް ގޮސް މަޑުޖެހިފައި، އެހެންވެ އެކަންކަން ހައްލު ކުރާނާން،"

ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ފަސް އަހަރު ތެރޭގައި 50 ރިސޯޓް ހުޅުވާނެ ކަމަށް ބުނެފައިވާއިރު މި އަހަރުތެރޭގައި ވަނީ 20 ރިސޯޓް ހުޅުވާފަ އެވެ.