މޫސާ ޒަމީރު

ޒުވާނުންނަށް އެންމެ ގިނަ ފުރުސަތު ދޭ ރިސޯޓަކަށް އެވޯޑް ދެނީ

ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގައި އެންމެ ރަނގަޅު ޕޮލިސީއެއް ގެންގުޅޭ ރިސޯޓަކަށް އަންނަ އަހަރުން ފެށިގެން ހާއްސަ އެވޯޑެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ މި ސަރުކާރުން އެންމެ ބޮޑު އިސްކަންދޭ އެއް ކަމަކީ ޒުވާނުންނަށް ވަޒީފާ ހޯދައިދީ ބާރުވެރިކުރުން ކަމަށެވެ. އެހެންކަމުން ޒުވާނުން އަހުލުވެރިކޮށް، ޒުވާނުންނަށް ގިނަ ފުރުސަތުތަކެއްދޭ ރިސޯޓެއް ހޮވައި އެ ރިސޯޓެއްގެ އަގު ވަޒަންކުރުމުގެ ގޮތުން އަންނަ އަހަރު ހާއްސަ އެވޯޑެއް ތައާރަފްކުރާނެ ކަމަށެވެ.

"ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، ޒުވާނުން އަހުލުވެރިކުރުމަށް މަސައްކަތްކުރާ ޒުވާނުން ބާރުވެރިކުރުވާ ފަރާތްތަކަށް، ރިސޯޓުތަކަށް އެވޯޑެއް ދިނުމަށް ނިންމާފައިމިވަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، އެ އެވޯޑް ދޭނީ ޓޫރިޒަމް ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރޭގައި އެކަން ހިމެނިގެންދާ ގޮތަށް ކަމަށެވެ. އަދި އެ އެވޯޑް ދިނުމަށް ރިސޯޓްތައް މޮނީޓާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ އެވޯޑް ލިބޭ ރިސޯޓަކަށް އިތުރު އެހީތެރިކަން މިނިސްޓްރީން ދޭނެ ކަމަށާއި އެގޮތުން މާކެޓިން މަސައްކަތުގައި އެ ރިސޯޓަކަށް އެހީތެރިވެދޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.