މޫސާ ޒަމީރު

ޓެރަރިޒަމްގެ އެންމެ ހަމަލާއަކުން ރާއްޖޭގެ ޓޫރިޒަމް ފުނޑުފުނޑު ވެދާނެ: ޒަމީރު

ޓެރަރިސްޓް އެންމެ ހަމަލާއަކުން ވެސް ރާއްޖޭގެ ޓޫރިޒަމް ސިނާއަތް އެއްކޮށް ފުނޑުފުނޑު ވެގެން ހިނގައިދާނ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިނގިރޭސިވިލާތުގެ މެޓްރަޕޮލިޓަން ޕޮލިސް އެސްއޯ 15 އާއި ގުޅިގެން ރާއްޖޭގެ ރިސޯޓްތަކުގައި ސެކިއުރިޓީގެ ކަންކަން މެނޭޖްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މޯލްޑިވްސް ކައުންޓާ ޓެރަރިޒަމް ސިކިއުރިޓީ ވޯކްޝޮޕް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޒަމީރު ވިދާޅުވީ، ދުނިޔޭގެ ޓެރަރިޒަމްގެ ހާލަތަށް ބަލާއިރު މި ދަނޑިވަޅަކީ ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށާއި ދެކުނު އޭޝިޔާގައި ޓެރަރިޒަމްގެ ބިރުވެރިކަން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

"ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދު އެ ސިނާއަތަކަށް ބަރޯސާވެފައިވާ ސިނާއަތަށްވާއިރު ޓެރަރިސްޓް އެންމެ ހަމަލާއަކުންވެސް މި ސިނާއަތް އެއްކޮށް ފުނޑުފުނޑު ވެގެންދާނެ ކަމަށް ސަމާލުވާން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ފަތުރުވެރިކަން ފަދަ ނާޒުކު އިގްތިސޯދީ މަސައްކަތަކަށް ގައުމުގެ އިގްތިސޯދު ބިނާވެފައިވާއިރު ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަކީ އެންމެ އިސްކަމެއްދީގެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިކަމަށްޓަކައި ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާ އެންމެހާ ކަންކަމުން ސަލާމަތްވުމަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ، ދުރާލާ މިފަދަ ކަންކަމުން ރައްކާތެރިވާނޭ ޕްލެޓް ފޯމްތަކެއް ގާއިމްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިނގިރޭސިވިލާތާއި ރާއްޖެއަކީ ޒަމާނުއްސުރެ އެންމެ ގާތް އެއް ގައުމުކަން ފާހަގަކުރައްވައި ޓެރަރިޒަމްއާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތުން ވެދެއްވާ އަގުނުކުރެވޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމު ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ގޮވާލެއްވި އެވެ.

މިއަދާއި މާދާމާ، ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި ވޯކްޝޮޕަކީ ރާއްޖޭގެ ރިސޯޓްތަކުގެ ސެކިއުރިޓީގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ރިސޯޓްގެ ސެކިއުރިޓީ އާއި ބެހޭގޮތުން މައުލޫމާތު ބަދަލުކޮށް ދިމާވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިނގިރޭސި ވިލާތުގެ މެޓްރަޕޮލިޓަން ޕޮލިސް އެސްއޯ15 އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި ސްރީލަންކާގައި ހުންނަ ބްރިޓިޝް ހައިކޮމިޝަނާއި ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި 120 އާއި 140 އާދެމެދުގެ ބައިވެރިން ބައިވެރިވެ އެވެ.