ހަބަރު

ޓެރަރިޒަމުން، ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރަން ބައްދަލުވުމެއް

ޓެރަރިސްޓް ހަމަލާއަކުން ރާއްޖޭގެ ޓުއަރިޒަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް "ރިސޯޓް ސެކިއުރިޓީ ރެސްޕޯންސް މެނޭޖްމަންޓް ވާކްޝޮޕް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

އެކި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނާއި ސެކިއުރިޓީ މެނޭޖަރުން ހިމެނޭގޮތުން ޖުމްލަ 39 ފަރާތަކުން ބައިވެރިވާ އެ ބައްދަލުވުން ކުރިޔަށް ދަނީ އޮކްޓޫބަރު 14 ން 15 އަށް ކުރުނބާ މޯލްޑިވްސްގަ އެވެ. އެ މަސައްކަތު ބައްދަލުވުމަކީ ޓެރަރިޒަމްގެ މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

އެގޮތުން، ޓެރަރިސްޓް ހަމަލާއެއް ރިސޯޓެއްގައި ދީފިނަމަ އަމަލުކުރުމަށް ހަދާފައިވާ އުސޫލްތަކާއި، އެ އުސޫލްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖެހިފައެވެ. އަދި ޓެރަރިސްޓް ހަމަލާތަކުން ރައްކާތެރިވެ އެފަދަ ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، ޓެރަރިސްޓް ހަމަލާއެއް ކާމިޔާބުކަމާއެކު ދީފި ހާލަތުގައި، ހާދިސާއަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ އިސް ވެރިންނާއި އިނގިރޭސިވިލާތުގެ "އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ" ޕްރޮޖެކްޓްގެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.