ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފްރަންޓްލައިން ސްޓާފުންނަށް ހާއްސަ 3،000 ކޮޓަރި

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް 3،000 ކޮޓަރި ހާއްސަ ކޮށްފި އެވެ.

މިއަދު އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި ވަރަށް ގިނަ މުއައްސަސާތަކުގެ މުވައްޒިފުން ފްރަންޓް ލަައިންގަައި މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ މުވައްޒަފުން މަސައްކަތަށް ފަހު އެނބުރި ގެއަށް ދިއުމަކީ ގޭގައި ތިބި އާއިލާތަކަށް ރައްކާތެރި ކަމަކަށް ނުވާތީ އެހެން ތަންތަނުގައި ނިދޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަަށެވެ.

އޭނާ ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް މާލެ ސަރަހައްދުގައި ހުރި ރިސޯޓްތަކުން 3،000 ކޮޓަރި ހާއްސަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ރިސޯޓްތަކެއް ކަމެއް އަދި މިހާރު އެ ތަންތަން ބޭނުން ކުރަމުންދާ ކަމެއްވެސް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ފްރަންޓްލައިންގައި ވަރަަށް ގިނަ މުއައްސަސާތަކުގެ ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ސިފައިންނާއި ފުލުހުން ހިމެނެ އެވެ. އަދި ސިއްހީ އެހީތެރިންނާއި ސިއްހީ ދާއިރާގެ ސަޕޯޓް ސްޓާފުން ވެސް ހިމެނެ އެވެ.

ކޮވިޑް ޖެހިފައިވާ މީހުންނާއި ކަރަންޓީނަށް ގެންދާ މީހުންނާއި އައިސޮލޭޓް ކުރާ މީހުން ވެސް ބައިތިއްބަނީ ރިސޯޓްތަކުގައި ހަދާފައިވާ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ.

މި ވަގުތު ވެސް ރިސޯޓްތަކުގެ ކަރަންޓީންގަައި 1500 ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 700 ވުރެ ގިނަ މީހުން އެބަތިބިއެވެ. އަދި ބަލި ޖެހިފައިވާ 800 ވުރެ ގިނަ މީހުން ވެސް ތިބީ އެފަދަ ފެސިލިޓީތަކުގަ އެވެ.