ދުނިޔޭގައި ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، އެ ބަލި ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖޭންސީ (އެޗްޕީއޭ)އިން އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން މިއަދު ދީފި އެވެ.
ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ވަނީ 10 އަކަށް އަރާފައި އެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.
އެ ވައިރަހުން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މިއަދު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. ވައިރަހާ ގުޅިގެން މިހާރުވެސް 13 ރިސޯޓެއް މޮނީޓަރިންގެ ހާލަތުގައި އޮތް އިރު، މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އަދި މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކޮށްފައިވާއިރު، ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ކުރިަށް އޮތް 14 ދުވަހަށް ބަންދުކުރަން އަންގައިފަ އެވެ.
އޭގެ އިތުރުން، ސަރުކާރުން މިއަދު ސްޕެއިންގެ އިތުރުން، ފްރާންސް އަދި ޖާމަނީގެ ބައެއް ސިޓީތަކުން މީހުން އެތެރެވުންވެސް މަނާކޮށްފަ އެވެ. މީގެ ކުރިން، ޗައިނާ، އިރާން، ބަންގްލަދޭޝް އިޓަލީ އަދި ދެކުނު ކޮރެއާގެ ބައެއް ސިޓީތަކުން މީހުން އައުންވެސް ވަނީ މަނާކޮށްފަ އެވެ.
މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭއިން އަދި ހެލްތު މިނިސްޓްރީން ކޮވިޓް 19 އާ ގުޅިގެން ވަރަށް ގިނަ ސާކިއުލާތައް ރާއްޖޭގެ ހުރިހާ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނަށް ފޮނުވާފައިވާނެ ކަމަށެވެ.
"މިސާކިއުލާތަކާ ހިލާފަށް ކިތަންމެ ކުޑަ ނަމަވެސް ހިލާފު އަމަލެއްކޮށްފި ނަމަ، ސަރުކާރުން ނިންމާފައިވަނީ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަން" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
އެގޮތުން މިހާރު ވެސް ފުލުހުން ތަހުގީގުތަކެއް ކުރަމުން އަންނަ ކަމަށާއި ތަހުގީގުތައް ނިމުމަށްފަހު އިހުމާލުވާ ފަރާތެއްވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.