ހަބަރު

ކައުންޓާ ޓެރަރިޒަމް އެވެއާނަސް ބައްދަލުވުމެއް ފަށައިފި

Apr 17, 2019
2

ކައުންޓާ ޓެރަރިޒަމް އެވެއާނަސް މަސައްކަތު ބައްދަލުވުމެއް މާލޭގައި މިއަދު ފަށައިފި އެވެ.

މިއޫ އިނގިރޭސި ވިލާތުގެ އިންޓަނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ ޕްރޮޖެކްޓްގެ ދަށުން ދިވެހި ފުލުހުންނާއި ޖަކާޓާގެ ސެންޓާ ފޯ ލޯއެންފޯސްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފެށި ބައްދަލުވުމެކެވެ.

މިއަދު ހޮޓެލް ޖެންގައި މި މަސައްކަތު ބައްދަލުވުން ފަންޓަވައިދެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢިސްމާއީލް ނަވީން އެވެ. އޭނާ ވިދާޅުވީ ފަތުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގުތިސޯދުގެ އެންމެ ބޮޑު ބައެއް ބިނާވެފައިވާ ސިނާއަތް ކަމަށާއި އެ ސިނާއަތަށް މިފަދަކަމެއް ކުރިމަތިވެއްޖެނަމަ އޭގެ އަސަރު މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޖެއަކީ އަމާންތަނަކަށް ހަދަން ކައުންޓާ ޓެރަރިޒަމްއާއި ދެކޮޅަށް ކުރެވެން ހުރިހާ މަސައްކަތެއްކޮށް ޓެރަރިޒަމް ހުއްޓުވަން ފުލުހުންނާއި ބައިނަލްއަގުވާނީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަންޖޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޗީފް އިންސްޕެކްޓާ ފާތިމަތު ނަޝްވާ އާއި، އިންޓަނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ މޯލްޑިވްސް ގެ ޕްރޮގްރާމް ކޯޑިނޭޓާ ސީން ކެލީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ހޮޓާތަކުގައި މަސައްކަތްކުރާ 34 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މީގެ ތެރެއިން ސީން ކެލީގެ ފޮޓޯ އާއި ވީޑިއޯ ނުދައްކަން ފުލުހުން ވަނީ ނޫސްވެރިންނަށް އަންގާފަ އެވެ. އެހެން ނަމަވެސް ފުލުހުން ހާމަ ކުރި ފޮޓޯގައި ކެލީ ވެސް ހިމެނެ އެވެ. އޭނާގެ ފޮޓޯ ނުދައްކަންވީ ސަބަބެއް ނުބުނެ އެވެ.