ހަބަރު

ސެކިޔުރިޓީ ވަރުގަދަކޮށް، ބިޒްނަސް ވިސާ ތާށިކޮށްފި

May 5, 2019
1

އަވަށްޓެރި ސްރީލަންކާގައި މިދިއަ މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ރާއްޖޭގެ ބޯޑަރު ސެކިޔުރިޓީގެ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސެކިޔުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ސްޕެޝަލް އަދި ބިޒްނަސް ވިސާ ދޫކުރުމުގައި އޮންނަ އުސޫލު މިހާރަށް ވުރެ ހަރުކަށި ކޮށްފައިވާ ކަމަށެވެ.

"މިގޮތުން ވިސާ އެޕްރޫވަލް ދިނުމަށް އާންމުކޮށް ހޭދަވާ 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަވާނެ ކަމުގައި ދަންނަވަމެވެ،" ވިސާ އެޕްރޫވަލް ނުލިބެނީސް ރާއްޖެ ދަތުރު ނުކުރުމަށް އިލްތިމާސް ކުރަމުން އިމިގްރޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިމިގްރޭޝަނުން އެ ބަޔާން ނެރެފައިވަނީ ސްރީލަންކަން އެއާލައިންސް އިން އިއްޔެ ރާއްޖެއަށް އަައި ޖޯޑަންގެ ފަތުރުވެރިއަކަށް އެތެރެވުމަށް ހުއްދަ ނުދޭން ނިންމާފައި ވަނިކޮށެވެ.

ވިސާ ނުދޭން އިމިގްރޭޝަން އިން ނިންމުމުން އޭނާ ރުޅިގަދަވެ، އިންޒާރު ދީފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

އިއްޔެ ހިފެހެއްޓި ޖޯޑަންގެ މީހާ ހިފަހައްޓާފައިވަނީ، ވިސާ ދިނުމުގައި ފުރިހަމަވާން ޖެހޭ ބައެއް ކަންކަން އޭނާގެ ކިބައިގައި ފުރިހަމަ ނުވާތީ ކަމަށް އިމިގްރޭޝަންގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެއާޕޯޓުގައި ހިފަހައްޓާފައި ހުރި މިއަދުގެ ވަގުތެއްގައި އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.