ޓޫރިޒަމް

އަމާޒަށްވުރެ އިތުރުވީ 75،303 ފަތުރުވެރިން

ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް ރާއްޖެ އައީ 75،303 ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އިމިގްރޭޝަނުން އާންމުކުރި ޑިސެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައީ 1،675،303 ފަތުރުވެރިންނެވެ. ޑިސެމްބަރު މަހު ރާއްޖެއަށް އައީ 184،051 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އޮތީ އަންދާޒާކޮށްފަ އެވެ. 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަހު އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެގައުމުން 31،651 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރަޝިއާއިން 19،620 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 17،160 ފަތުރުވެރިން މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މިދިޔަ މަހު އެވަރެޖްކޮށް ދުވާލަކު 5،937 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ. ޑިސެމްބަރު މަހު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހުވެސް 7،669 ފަތުރުވެރިން ރާއްޖެ އައެވެ.

ފަތުރުވެރިކަން މިއަހަރު ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިއަހަރު ދެ މިލިއަން ފަތުރުވެރިންގެ ރާއްޖެއަށް ގެނައުމުގެ އަމާޒެއް ވަނީ ކަނޑައަޅާފަ އެވެ.