ޓޫރިޒަމް

އެޕްރީލްގައި ފަތުރުވެރިކަން 13 ޕަސަންޓު ކުރިއަރައިފި

ރާއްޖެއަށް މިދިޔަ އެޕްރީލް މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 2022 ވަނަ އަހަރުގެ އެޕްރީލް މަހަށްވުރެ 13.1 ޕަސަންޓު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި އެޕްރީލް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު ރާއްޖެއަށް 164،357 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އިންޑިއާއިން ޒިޔާރަތްކުރި 17،577 ފަތުރުވެރިންނާއެކު އެ ގައުމުވެފައިވަނީ އެޕްރީލް މަހު ރާއްޖެއަަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަށެވެ.

ރަޝިއާއަކީ މިއަހަރުގެ ފެބްރުއަރީ އަދި މާޗްމަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެގައުމަށް އެޕްރީލް މަހު ލިބުނީ ދެވަނަ އެވެ.

އެޕްރީލް މަހު ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • އިންޑިއާ - 17،577
  • ރަޝިއާ - 16،979
  • އިނގިރޭސިވިލާތް - 15،504
  • ޗައިނާ - 13،504
  • ޖަރުމަނު - 13،319
  • އިޓަލީ - 10،309
  • އެމެރިކާ - 6،673
  • ސްވިޓްޒަލޭންޑް - 5،343
  • ފްރާންސް - 4،549
  • އޮސްޓްރޭލިއާ - 3،785

ރަޝިއާއިން ޒިޔާރަތްކުރާ ފަތުރުވެރިން އަދަދު މަހުން މަހަށް ދަށަށް ދިޔަ ނަމަވެސް އެގައުމު އަދިވެސް އޮތީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގަ އެވެ.

ރަޝިއާއިން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރީ 23،180 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 21،567 ފަތުރުވެރިން އެ ގައުމުން ޒިޔާރަތްކުރިއިރު މާޗްމަހު ޒިޔާރަތްކުރީ 20،313 ފަތުރުވެރިންނެވެ. އެޕްރީލް މަހު ރަޝިއާއިން އައީ 16،979 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިއާގެ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައި މިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި އީޔޫގެ ގައުމުތަކުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.