އިމިގްރޭޝަން

މިދިޔަ މަހު އެންމެ ގިނައިން އައީ ރަޝިޔާ ފަތުރުވެރިން

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން އައީ ރަޝިޔާ ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އެކުލަވާލާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ފަތުރުވެރިންގެ ގޮތުގައި ޖުމްލަ 149،011 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައީ 131،753 ފަތުރުވެރިންނެވެ. އެހެންކަމުން މިދިޔަ މަހު ފަތުރުވެރިން ރާއްޖެ އައި ޕަސެންޓް ވަނީ މިދިޔަ ޖެނުއަރީ މަހާ އަޅާބަލާއިރު 13 ޕަސަންޓް އިތުރު ވެފަ އެވެ. އަދި މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 54 ޕަސެންޓްގެ ކުރި އެރުމެކެވެ.

މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެދުވަހު 7،668 ފަތުރުވެރިޔަކު ވަނީ ރާއްޖެ އައިސްފަ އެވެ. މިއަހަރު އެންމެ މަދުން ފަތުރުވެރިން އައީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެ އައީ 3،407 ފަތުރުވެރިންނެވެ. މިދިޔަ މަހު ދުވާލެއްގެ މައްޗަށް 5،000 ފަތުުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ރަޝިޔާ އެވެ. އެ ގައުމުން 20،082 ފަތުރުވެރިޔަކު އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 18،071 ފަތުރުވެރިޔަކު ރާއްޖެ އައިސްފައިވާއިރު އިންޑިއާއިން އައިސްފައި ވަނީ 14،770 ފަތުރުވެރިޔެކެވެ.

ރަޝިއާ- ޔުކްރޭން ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.