ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތީ ދިމާވާ މައްސަލަތައް ހައްލުކުރަން ހިދުމަތްތައް އަވަސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަންގެ ތަރުޖަނާމު ހަސަން ހަލީލް އަވަސް އަށް ވިދާޅުވީ ކޮވިޑްގެ އުދަނގޫ ހާލަތަށްފަހު މިހާރު ރާއްޖެއަށް ވަރަށް ގިނަ ފަތުރުވެރިން އަންނަމުންދާ ކަމަށެވެ. އެހެންކަމުން ހިދުމަތް ދިނުމުގައި މިވަގުތު ކޮންމެވެސް ވަރެއްގެ ލަސްކަމެއް އުޅޭ ކަމަށާއި އެއީ ފަތުރުވެރިން ރާއްޖެ އެތެރެވަނީ ސައްހަ މައުލޫމާތު ދީގެން ކަން ޔަގީންކުރަން ޖެހޭތީ ދިމާވާ ލަސްކަމެއް ކަމަށް ވިދާޅުވި އެވެ.
ބައެއް މީހުން ރާއްޖެ އެތެރެވުމުގެ ކުރިން ފުރަންޖެހޭ މައުލޫމާތުތައް ފުރިހަމަ ނުކުރާތީ އިމިގްރޭޝަން ކައުންޓަރުތަކުގައި ހޭދަކުރަން ޖެހޭ ވަގުތު ދިގުލައިގެންދާ ކަން ހަލީލް ފާހަގަކުރެއްވި އެވެ. އެފަދަ މައްސަލަތައް ހައްލުކޮށްގެން ހިދުމަތް އަވަސް ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެއާޕޯޓްގައި ހުންނަ އިމިގްރޭޝަންގެ ކައުންޓަރުތަކުން ކުރާ މަސައްކަތުގެ ސްޕީޑް އަވަސް ކުރުމުގެ މަސައްކަތް ކުރަންޖެހޭތީ އެމަސައްކަތް މިދަނީ ކުރަމުން. މިހާރު ވެސް 20 މިނެޓް ތެރޭގައި ކައުންޓަރުން މަސައްކަތް ނިންމާލާ" ހަސަން ހަލީލް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމިގްރޭޝަންގެ 23 ކައުންޓަރު ހުރެ އެވެ. މަސައްކަތް ފުޅާކުރުމަށް އިތުރު ކައުންޓަރު ބަހައްޓާނެ ޖާގަ އެއާޕޯޓްގައި މިހާރު ނެތް ކަމަށް ހަލީލް ވިދާޅުވި އެވެ.
"އިތުރު ކައުންޓަރު ބަހައްޓާނަމަ، ބަހައްޓަން ޖެހޭނީ ރަންވޭ މަތީގައި" ހަލީލް ވިދާޅުވި އެވެ.
ކައުންޓަރުގައި ފަތުރުވެރިން ހޭދަކުރަން ޖެހޭ ވަގުތު އިތުރުވާ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ އެ އިދާރާ އިން ބޭނުންކުރާ އިމުގަ ޕޯޓަލްގެ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޕޯޓަލްގެ ސަބަބުން އިމިގްރޭޝަން ކައުންޓަރާ ހަމައަށް އައުމުގެ ކުރިން ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށްފައި ހުރިތޯ ޕެސެންޖަރުންނާއި އިމިގްރޭޝަން އޮފިސަރުންނަށް ވެސް ބަލައިލެވޭނެ އެވެ. މި ޕޯޓަލްގެ މުހިއްމު ކަން ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުވާނެތީވެ ޕޯޓަލްގައި މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލުކުރުމަށް އިސްކަން ދީގެން އެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ހަލީލް ވަނީ މައުލޫމާތު ދެއްވާފަ އެވެ.