ކްރިސްމަހާއި ނިއު އިޔާގެ ސެލެބްރޭޝަންސްތަކާއި ޕާޓީތަކަށް އިޒްރޭލު ތައްޔާރުވެފައިވާއިރު އެމީހުންގެ ޔަހޫދީ ދީނީ އިލްމުވެރިން މި އާދަތަކާއި ސަގަފާތާ ދެކޮޅަށް އިންޒާރު ދީ ހަނގުރާމަ އިއުލާނުކޮށްފި އެވެ.
އެގޮތުން ކްރިސްމަސް ފާހަގަކުރުމާއި އާ އަހަރުގެ ޕާޓީތައް ބޭއްވުމާ ދެކޮޅަށް އިޒްރޭލުގައި އެމީހުންގެ ދީނީ އިލްމުވެރިން ފަށާފައިވާ ވަރުގަދަ ކެމްޕޭނެއްގައި ދަނީ ހޮޓެލްތަކާއި އެ ތަންތަނުގެ ވެރިންނަށް އިންޒާރުގެ ސިޓީތައް ފޮނުވަމުންނެވެ. މި ސިޓީތަކުގައި ކިޔައިދީފައި ވަނީ ކްރިސްމަސް ފާހަގަކުރުމުގެ ނުބައިކަމާއި އާ އަހަރުގެ އުފާ ފާޅުކުރުމަށް ޕާޓީކުރުމުގެ ނުބައި ކަމުގެ ވާހަކަތަކެވެ. އަދި ހޮޓާ ހޮޓާތަކުގައި ކްރިސްމަސް ޓްރީތައް ގާއިމުނުކުރުމަށް ވެސް އިންޒާރު ދީފައިވެ އެވެ.
ހަރުކަށި ޔަހޫދީ އިލްމުވެރިންގެ މި އިންޒާރުތައް ހޮޓާ ހޮޓެލްތަކުގެ މެނޭޖަރުންނާއި ވެރިން ވަނީ ވަރަށް ސީރިއަސްކޮށް ނަގައިފަ އެވެ. ސަބަބަކީ މިފަދަ ހޮޓާތަކުގެ ވިޔަފާރި އަށް ހުއްދަ ދޭއިރު އެކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ބާރު ވެސް މި އިލްމުވެރިންތަކަށް ލިބިފައިވާތީ އެވެ.
އިޒްރޭލަކީ ޔަހޫދީންނަށް ހާއްސަ ތަނަކަށްވި ނަމަވެސް އެމީހުންގެ ތެރޭގައި ނަސޯރާއިން ވެސް ކޮންމެވެސް ވަރަށް އުޅެ އެވެ. އެގޮތުން ގާތްގަނޑަކަށް 130،000 ނަސޯރާއިން އިޒްރޭލަށް ނިސްބަތްވާއިރު އިޒްރޭލުގައި ދިރިއުޅޭ ފަލަސްތީނުގެ ގިނަ މީހުންނަކީ މުސްލިމުންނެވެ.