ހަތުރުވެރި ހުރިހާ ބާރުތަކަށް ވުރެން ރަޝިއާ މިހާރު މާ ވަރުގަދަ ކަމަށާއި އެފަދަ ކޮންމެ ބާރެއްގެ ކުރިމަތީގައި ވެސް ރަޝިއާ އިން މިއަދު ކާމިޔާބު ހޯދާނެ ކަމަށް ވިދާޅުވެ އެގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ޔޫރަޕާއި އެމެރިކާ އަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ވަކިން ހާއްސަކޮށް މި އިންޒާރު އަމާޒުކުރައްވާފައި ވަނީ އެމެރިކާ އަށެވެ. ޕުޓިންގެ މި އިންޒާރު މި އައީ އެމެރިކާގެ ރިއާސީ އިންތިހާބުގައި، މިހާރުގެ ރައީސް ބަރަކް އޮބާމާގެ ޑިމޮކްރެޓިކް ޕާޓީ ބަލިވެ، ރިޕަބްލިކަންގެ ޑޮނަލްޑް ޓްރަމްޕް ހޮވުނު މައްސަލާގައި ޑިމޮކްރޭޓުންގެ ތުހުމަތުގެ އިނގިލި ރަޝިއާ އަށް އަމާޒުވެފައި ވަނިކޮށެވެ.
ޑިމޮކްރޭޓުން އިންތިހާބުގައި ބަލިވި އެއް މައްސަލައަކީ، އެމީހުންގެ ނެޝެނަލް ކޮންވެންޝަންގެ އެތެރޭގެ ސާވަރު ހެކްކޮށް މުހިންމު އީމެއިލްތަކެއް ބޭޒާރުކޮށްލުމުންނެވެ. އެމެރިކާ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ވެސް އެއީ ރަޝިއާ އިން ކުރި ކަމެކެވެ. މި މައްސަލާގައި އޮބާމާގެ ސަރުކާރުން މިހާރު ވެސް ގެންދަނީ ރަޝިއާ އަށް ފިއްތުންތައް އިތުރުކުރަމުންނެވެ.
ނަމަވެސް ޕުޓިންގެ އަހަރީ ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ މި ވަނީ ހުރިހާ ފާޑުކިޔުންތަކާއި ފުރައްސާރައަށް އިންޒާރުތަކުން ހަމަލާ ދެއްވައިފަ އެވެ. ހެކްކުރި މައްސަލާގައި ކުރެވޭ ތުހުމަތަށް ރައްދު ދެއްވަމުން ޕުޓިން ވިދާޅުވީ އަމިއްލަ މީހުންގެ އެތެރޭގެ މައްސަލަތަކަށް ސަމާލުކަން ދިނުން މާ ރަނގަޅުވާނެ ކަމަށެވެ.
"ބަލިވި މީހުން އެ އުޅެނީ އެހެން ބައެއްގެ ބޮލުގައި ތުހުމަތު އެޅުވޭތޯ. އޭގެ ބަދަލުގައި އެތެރޭގެ އަމިއްލަ މައްސަލަތަކަށް ސަމާލުކަން ދިނިއްޔާ މާ ރަނގަޅުވާނެ،" ޕުޓިން ވިދާޅުވި އެވެ.
ހެކުކުރީ ރަޝިއާ އިން ސީދާ ސާބިތުކޮށްދެވެން ނެތް ނަމަ އެ ވާހަކަ ދެއްކުން ހުއްޓާލަން ރަޝިއާ އިން އެމެރިކާ އަށް ގޮވާލާފައިވާއިރު ޕުޓިން ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ވެސް ޑިމޮކްރޭޓުން ވީ ބަލި ކަމަށާއި އެހެންވީމަ އެމެރިކާ އިން ބުނާ ގޮތުން ނަމަ އެއީ ވެސް ރަޝިއާގެ ކަމެކެވެ.
ރަޝިއާގެ އަސްކަރީ ގާބިލުކަމަށް އަލި އަޅުއްވަމުން ޕުޓިން ވިދާޅުވީ އެމީހުންގެ ނިއުކްލިއާ މިސައިލްތަކާއި އަސްކަރީ އެހެން ގޮފިތައް ވެސް ޒަމާނަށް ފައްކާކޮށް ވަރުގަދަކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕުޓިން ވިދާޅުވީ ދުނިޔޭގައި ހަތިޔާރުގެ ވާދަވެރިކަމެއް އުފައްދަނީ ރަޝިއާ އިން ނޫން ކަމަށައި އޭގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ޕުޓިން ވާދަކުރައްވާނެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ޕުޓިން ވިދާޅުވީ ޖަވާބެއް ދެއްވަން އެނގިވަޑައިގަންނަވާނީ އަމިއްލަ ގައުމާއި ދުނިޔެ 2018 ވަނަ އަހަރު އޮންނާނެ ގޮތެއް އެނގުމަށް ފަހު ކަމަށެވެ. --ބީބީސީ