ހަބަރު

ބޯޑާލެވްލްގައި އަބަދުވެސް ހަތިޔާރާއި ގޮވާތަކެއްޗަށް އަހުލުވެރިވާންޖެހޭ: ސީޖީ

Dec 25, 2016

ބޯޑާ ލެވެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަބަދުވެސް އެންމެ ފަހުގެ ހަތިޔާރާއި ގޮވާތަކެތި ދެނެގަތުމުގެ މައުލޫމާތާއި ތަމްރީނުދީ އަހުލުވެރި ކުރުވަން ޖެހޭ ކަމަށް ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފް މުހައްމަދު (ސީޖީ) ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖެ އެތެރެ ކުުރުން މަނާ ހަތިޔާރާއި ގޮވާ ތަކެތި ދެނެގަންނަން ކަސްޓަމްސްގެ މުވައްޒަފުން މައުލޫމާތުދީ ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި ކަސްޓަމްސް އޮފިސަރުންގެ ތިން ބެޗު ތަމްރީނު ކުރި އެވެ. މި ތަމްރީނު ޕްރޮގްރާމްގައި އޮފިސަރުންނަށް ހަތިޔާރާއި ގޮވާ ތަކެތި ދެނެގަންނަން ދަސްކޮށްދީފައިވެ އެވެ.

ޝަރީފް ދާޅުވީ ބަވަނަވެފައިވާ ދުނިޔެއެއްގައި ގައުމު ރައްކާތެރި ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ބަޔަކަށްވާނީ ބޯޑާ ލެވެލްގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އަދި ބޯޑާ ލެވެލްގައި މަސައްކަތްކުރާ މުވައްޒަފުން އަބަދުވެސް އެންމެ ފަހުގެ ހަތިޔާރާއި ގޮވާތަކެތި ދެނެގަތުމުގެ ފުރިހަމަ މައުލޫމާތާއި ތަމްރީނު ދީ އަހުލުވެރި ކުރުވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއްވެސް މީހަކީ ނުވަތަ މުއައްސަސާއަކީ އެންމެ ފުރިހަމަވެގެންވާ މުއައްސަސާއެއް ނޫން. އެ މުއައްސަސާ ފުރިހަމަ ކުރުމަށް މުވައްޒަފުން ގަވައިދުން ތަމްރީނު ކުރަންޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބޭރުގެ ވިޔަފާރިވެރިން އިންވެސްޓު ކުރަން ރާއްޖެއައުމުގެ ކުރިން ބޯޑާ ލެވެލްގެ ރައްކާތެރިކަމަށާއި މުދާ އެތެރެކޮށް ބޭރު ކުރުމަށް ލިބޭ ފަސޭހަތަކަށް ވެސް ބަލާނެ ކަމަށެވެ. އެހެންކަމުން އަބަދުވެސް ގައުމުގެ ބޯޑާ ލެވެލް ރައްކާތެރިކުރަންޖެހޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ގައުމުތަކަށް އެންމެ ފަސޭހައިން ކުދި ހަތިޔާރު އެތެރެކުރަނީ އެކްސްޕްރެސް ޕޯސްޓް މެދުވެރިކޮށް ކަމަށެވެ. އަވަސް މުސްތަގްބަލެއްގައި ރާއްޖޭގައި އެކަން ހަރުދަނާ ކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ބޯޑާ ލެވެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު އެންމެ އެކަށީގެންވާ ގޮތެއްގައި މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.