ހަބަރު

ވެށިފަހިން އޭ ކެޓަގަރީ ފްލެޓް ލިބުނު މީހުން ގޯތި ހުސްކުރަން މުއްދަތެއް

"ވެށިފަހި މާލެ" ގެދޮރުވެރި ޕްރޮގްރާމުގައި "އޭ" ކެޓަގަރީން ފުލެޓާއި ގޯތި ލިބުނު މީހުން، އެ މީހުންނަށް މާލެއިން ލިބިފައިވާ ގޯތިތަކާއި ބިންތައް ދެ އަހަރުވުމުގެ ކުރިން ހުސްކުރާނެ ކަމަށް އެއްބަސްވެ، އެތަންތަން އަދިވެސް ހުސް ނުކުރާތީ ގޯއްޗާއި ބިން ހުސްކުރުމަށް އެފަރާތްތަކަށް ތިން މަހުގެގެ މުއްދަތެއް ހައުސިން މިނިސްޓްރީން ދީފި އެވެ.

ވެށިފަހި ޕްރޮގްރާމުގެ އޭ ކެޓަގަރީން ފްލެޓް ދޫކޮށްފައިވަނީ މާލޭގައި ގޯތި ހުރި ފަރާތްތަކުގެ ތެރެއިން ފްލެޓްގެ ބަދަލުގައި އެފަރާތަކަށް މާލެއިން ލިބިފައިވާ ގޯތި ނުވަތަ ބިމުގެ ބަދަލުގައި ފްލެޓް ލިބޭ ގޮތަށެވެ. އެގޮތުގެ މަތީން ފްލެޓް ދިން ފަރާތްތައް އެއްބަސްވެފައިވަނީ ފްލެޓް ލިބޭތާ ދެއަހަރު ވުމުގެ ކުރިން އެމީހުންގެ ބިންތައް ހުސްކޮށް ހައުސިން މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، މިހާތަނަށް ސަރުއީ މަރުހަލާގައި ގޯތި ހަވާލު ކުރުމުގެ އިޖުރާތްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިއަދުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެ ގޯތިތައް ނުވަތަ ބިން ހުސްކޮށް މި މިނިސްޓްރީއާ ހަވާލުކޮށްދިނުމަށް އަންގާ ކަމަށެވެ. އަދި ދައުލަތަށް ގޯތި ނުވަތަ ބިން ހަވާލުކުރުމުގެ އިޖުރާތްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތަކުން ކުރިއަށް އޮތް އެއްމަސްދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅައި ޝަރުއީ މަރުހަލާ ފުރިހަމަކޮށް، ތިން މަހުގެ ތެރޭގައި ގޯތި ނުވަތަ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކުރުމަށެވެ.

މިނިސްޓްރީން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ގޯތި ނުވަތަ ބިން ހަވާލުނުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންނެވެ. އަދި ހަވާލުނުކުރާ ގޯތި ނުވަތަ ބިން ހުސްކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.