ދުނިޔޭގެ މަސްރަހަށް ބަލައިލާއިރު 2016 އަކީ ވަރަށް ތަފާތު ނުވަތަ އާދަޔާހިލާފު އެތައް ކަމެއް ތާރީޚުގެ ތެރެއަށް ވަދެ ފައިލު ކުރެވިގެން ދިޔަ އަހަރެކެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ ސިޔާސީ މައިދާނުގެ ބޮޑެތި ގައުމުތައް ކަމުގައިވާ އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ރަޝިއާ އާއި ޗައިނާގެ އިތުރުން މެދުއިރުމަތީގެ ބޮޑެތި ގައުމުތަކުގެ މެދުގައި ވެސް ގިނަ ކުރިމަތިލުންތަކެއް ފެނިގެންދިޔަ އެވެ.
ތިރީގައި މި އޮތީ 2016 ވަނަ އަހަރުގެ "ދުނިޔޭގައި" ހިނގައިދިޔަ އެންމެ ބޮޑެތި ކަންތައްތަކާއި މައްސަލަތަކެވެ.
ޖެނުއަރީ
- ޓެރަރިޒަމްގެ ކުށުގައި ސައޫދި އަރަބިއްޔާ އިން ޝިއައިންގެ މަޝްހޫރު އިލްމުވެރިޔާ، ޝައިހް ނިމްރު އަލް ނިމްރު އާއި ޝިއައީންގެ އިތުރު 47 މީހަކަށް މަރުގެ ހުކުމް ތަންފީޒުކުރުމުން އީރާނާއި ސައޫދީއާ ދެމެދު މައްސަލަ ހޫނުވެ ސުންނީންނާއި ޝިއައީންނާ ދެމެދު ލޭއޮހޮރުވުންތަކެއް ފެށުން. ސުންނީ ގައުމުތަކުން އީރާނާ ގުޅުން ކަނޑާލާފައިވާއިރު އީރާނުގެ މުސްލިމުންނަށް ހައްޖަށް ވެސް ނުދެވޭ ގޮތް ވަނީ ހަދާފައި.
- ދުނިޔެ އަށް މަޝްހޫރު، މެކްސިކޯގެ ޑްރަގް ލޯގު އެލް ޗާޕޯ (ވަކީން ގަޒްމަން) ޖަލުން ފިލައިގެން އުޅެނިކޮށް އަލުން ހައްޔަރުކުރުން. އޭނާ ހައްޔަރުކޮށްފައި ވަނީ މެކްސިކޯގެ ކަނޑުގެ ސިފައިން ހިންގި ހާއްސަ ހަރަކާތެއްގައި. އޭނާ އަކީ މަޝްހޫރު ސިނަލޯއާ ކާޓެލްގެ ލީޑަރު. މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ޑްރަގް ލޯޑް.
- ދުނިޔެ އަށް މަޝްހޫރު، މެކްސިކޯގެ ޑްރަގް ލޯޑު އެލް ޗާޕޯ އެންމެފަހުން އަތުލައިގަތުން.
ފެބްރުއަރީ
- އީރާނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ބައިނަލްއަގުވާމީ މުޖުތަމައުން ނިއުކްލިއާ މައްސަލާގައި އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން. މިކަމާ އިޒްރޭލާއި ސައޫދީ އަރަބިއްޔާ ރުޅިގަދަވުން.
މާޗު
- ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި އިސްލާމިކް ސްޓޭޓް އިން ދިން ޓެރަރިސްޓް ހަމަލާ. 34 މަރު. މިއީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ދިޔަ ބަޔަކު އެ ބޮންތައް ގޮއްވާލައިގެން ދިން ވަރުގަދަ ހަމަލާއެއް.
އެޕްރީލް
- ރާނީ އެލިޒަބަތު ދެ ވަނަ އަށް 90 އަހަރު ފުރުން. އެކަމަނާގެ އުފަން ތާރީޚަކީ އެޕްރީލް 21، 1926.
މެއި
- ޓެކްސް އަށް މަކަރު ހެދުމުގައި ހައްދުފަހަނަޅާފައިވާ ދުނިޔޭގެ ކުންފުނިތަކާއި ވިޔަފާރިވެރިންނާއި މަޝްހޫރު މީހުންގެ ވިޔަފާރި ވަގު ކުންފުނިތައް "ޕެނަމާ ޕޭޕާސް" އިން ފަޅާއަރުވާލުން.
- ދެކުނު އެމެރިކާގައި ޒިކާ ފެތުރެން ފެށުން. ބްރެޒިލް އިން ފެށިން ދެކުނު އެމެރިކާގެ 40 ގައުމަކަށް ޒިކާ ފެތުރުނު.
ޖޫން
- އިނގިރޭސި ވިލާތް، އީޔޫ އިން ވަކިވުން. ޖޫން 23 ގެ ވޯޓުގައި މިގޮތަށް ނިންމީ އާންމު ވޯޓެއްގައި 52 ޕަސެންޓްގެ މީހުން އެކަމަށް ތާއީދުކޮށްގެން.
- އެމެރިކާގެ ބޮކްސިން ލެޖެންޑު މުހައްމަދު އަލީ 74 އަހަރުގައި މަރުވުން. އުމުރުން 12 އަހަރުގައި ބޮކްސިން ކުޅިވަރުގެ ތެރެއަށް ވަދެ 18 އަހަރުގައި އޭނާ ވަނީ ލައިޓް ވެއިޑް ޑިވިޝަނުގައި ރަން މެޑަލް ހާސިލުކޮށްފައި. އޭނާ އަކީ ތިން ފަހަރެއްގެ މަތިން ހެވީވެއިޓް ޗެމްޕިއަންކަން ހާސިލުކޮށްފައިވާ ހަމައެކަނި އެތުލީޓު.
ޖުލައި
- ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން އާއި އޭނާގެ ސަރުކާރާ ދެކޮޅަށް ސިފައިންގެ ބަޔަކު ގުޅިގެން ގެންނަން އުޅުނު ބަގާވާތް ނާކާމިޔާބުވެ 300 އަށް ވުރެ ގިނަ މީހުން ކުރިމަތިލުންތަކުގައި މަރުވުން. އެއަށް ފަހު 100،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވޭ. އޭގެ ތެރޭގައި 10،000 ސިފައިންނާއި 2،000 އަށް ވުރެ ގިނަ ފަނޑިޔާރުން ހިމެނޭ.
- ޕޮކެމޮން ގޯ އެޕްލިކޭޝަން ގޭމުން ދުނިޔޭގެ ސަމާލުކަން އަތުލުން. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ގޭމު 500 މިލިއަނަށް ވުރެ ގިނައިން ޑައުންލޯޑްކޮށްފައިވޭ. މިއީ 2016ގެ އެންމެ މަގްބޫލު އަދި އެންމެ ގިނަ ބަޔަކު ބޭނުންކުރި އެޕްލިކޭޝަން.
އޯގަސްޓް
- އިޓަލީ އަށް އައި ބާރުގަދަ ބިންހެލުމެއްގައި ތިން އަވަށެއް ސުންނާފަތިވެ 300 އެއްހާ މީހުން މަރުވުން. މި ބިންހެލުމުގެ ސަބަބުން އިޓަލީ އަށް އެއް ބިލިއަން ޑޮލަރާއި 11 ބިލިއަން ޑޮލަރުގެ އިގުތިސާދީ ގެއްލުމެއް ލިބުނު.
- އިންސާނުންނަށް ދިރިއުޅެވިދާނެ ކަމަށް ބެލެވޭ ފަދަ މާހައުލެއް އޮތް ކަމަށް ލަފާކުރެވޭ އެހެން ޕްލެނެޓެއް ހޯދުން. މި ޕްލެޓްގެ ނަމަކީ ޕްރޮކްޒީމާ ބީ. މިއީ މި ދުނިޔޭގެ ސިފަތަކާ އެންމެ އެއްގޮތްކަމަށް މިހާތަނަށް ހޯދުނު ޕްލެނެޓް.
ސެޕްޓެމްބަރު
- ހިލަރީ ކްލިންޓަންގެ އީމެއިލްގެ މައްސަލަ ފެންމަތިވުން. އޮބާމާގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަމުގެ މަގާމު ފުރުއްވިއިރު ސަރުކާރުގެ ރަސްމީ ސާވާގެ އީމެއިލްގެ ބަދަލުގައި ރަސްމީ ލިޔެކިޔުންތައް އަމިއްލަ އީމެއިލްއެއްގައި ބޭނުންކުރެއްވި މައްސަލަ ހޫނުވެގެން ދިޔައިރު ރިއާސީ އިންތިހާބުގައި ހިލަރީ ބަލިވުމުގެ އެއް އަސްލަކީ ވެސް މި މައްސަލަ.
އޮކްޓޯބަރު
- ކޮލަމްބިއާގެ ހަނގުރާމަވެރި ޖަމާއަތް ފާކްއާ އެކު ސަރުކާރުން ސުލްހަ ގާއިމުކޮށް ޒަމާންވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުން. އެގައުމުގެ ސުލްހައިގެ މި މަސައްކަތަށް ނޮބެލްގެ ސުލްހައިގެ އިނާމު ލިބުން.
- ތައިލެންޑްގައި 70 އަހަރު ރަސްކަންކުރެއްވި ޕޫމިޕޯން އަޑޫންޔަޑޭ އުމުރުން 88 އަހަރުފުޅުގައި އަވަހާރަވުން. ޕޫމިޕޯން ތަހުތަށް ވަޑައިގެންނެވީ އުމުރުން 18 އަހަރުގައި. އޭނާ އަށް ފަހު ތަހުތަށް ފަރިކޮށްފައި ވަނީ ވަލީއަހުދު މަހާ ވަޗިރާލޮންކޮން.
- އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބޮބް ޑިލަން އަށް ނޮބެލްގެ ލިޓްރެޗާ އިނާމު ލިބުން. އޭނާ އަކީ މި އެވޯޑް ލިބުނު ފުރަތަމަ ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން.
ނޮވެމްބަރު
- އެމެރިކާގެ ރައީސް ކަމަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވުން. ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް ޓްރަމްޕް ރައީސްކަމަށް ވަޑައިގެންނެވީ ޑިމޮކްރޭޓުންގެ ފެވަރިޓް ހިލަރީ ކްލިންޓަންގެ މައްޗަށް ޑެލިގޭޓުންގެ ވޯޓުގައި ކުރި ހޯއްދަވައިގެން. ޕޮޕިއުލާ ވޯޓުގައި ކުރި ލިބިވަޑައިގެންނެވީ ހިލަރީ އަށް.
ޑިސެމްބަރު
- އިޓަލީގެ ތާރީހުގައި ވެރިކަމަށް ވަޑައިގެންނެވި އެންމެ ޒުވާން ބޮޑުވަޒީރު، 39 އަހަރުގެ މަޓޭއޯ ރެންޒީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުން. އެބޭފުޅާ އިސްތިއުފާ ދެއްވީ ގާނޫނު އަސާސީ އަށް ގެންނަވަން މަސައްކަތްކުރެއްވި ބަދަލުތަކެއް ފާސްނުވި މައްސަލައެއްގައި. އޭނާ އަކީ އިޓަލީގެ ސިޔާސީ މައިދާނަށް ތަފާތު ބަދަލުތަކެއް ގެންނެވުމަށް މަސައްކަތްކުރެއްވި ލީޑަރެއް.
- ދެކުނު ކޮރެއާގެ ރައީސްކަަމަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ލީޑަރަށް ވެވަޑައިގެންނެވި ޕާކު ގެއުން-ހައޭ މަގާމުން ދުރުކުރުން. އޭނާ އަކީ އިރުމަތީ އޭޝިއާގެ ގައުމެއްގައި ވެސް ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ލީޑަރު. އޭނާ މަގާމުން ދުރުކޮށްފައި ވަނީ ހިޔާނާތަކާއި ފަސާދައިގެ މައްސަލައަކާ ގުޅިގެން.
- ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިން ހަލަބުގައި ހަނގުރާމަވެރިން ބަލިކުރުން. ހަލަބު ސިޓީ އަކީ ސީރިއާގެ ދާހިލީ ހަނގުރާމައިގެ މައި ރަށެއް.
- އިޒްރޭލުގެ ޔަހޫދީ އާބަދުތަކާ ދެކޮޅަށް 40 އަހަރު ތެރެގައި ފުރަތަމަ ފަހަރަށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްވުން. އަދި އާންމުކޮށް އިޒްރޭލުގެ ދިފާއުގައި ނުކުން އެމެރިކާ އިން ގަރާރު ވީޓޯނުކޮށް ފާސްވާން ދޫކޮށްލުން. މި މައްސަލާގައި އިޒްރޭލާއި އެމެރިކާ އަދި މި ގަރާރަށް ވޯޓު ދިން ގައުމުތަކާ އިޒްރޭލާ ދެމެދު ވަނީ މައްސަލަ ހޫނުވެފައި.