އައިޖީއެމްއެޗް

ދަރިމައިވުމުގައި ދިމާވާ މައްސަލަތަކުގެ ފަރުވާ އައިޖީއެމްއެޗުން ފަށައިފި

އިންޑިއާގެ އެންޔޫ ހޮސްޕިޓަލާއި ގުޅިގެން އައިޖީއެމްއެޗްގައި މިދިޔަ ނޮވެމްބަރު މަހު ހުޅުވި ޔޫރޯރީނަލް ފާޓިލިޓީ ސެންޓަރުގައި ދަރިވައިމުގެ މައްސަލަތަކަށް ފަރުވާދޭން މިއަދު ފަށައިފި އެވެ. މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހުޅުވި އެ ސެންޓަރުގައި މިއަދާ ހަމަޔަށް ދެމުން އައީ ކުޑަކަމުދާ ނިޒާމާއި ކިޑްނީގެ ބަލިތަކަށް ދޭ ފަރުވާއެވެ.

ފާޓިލިޓީ، ނުވަތަ ދަރިމައިވުމަށް ދިމާވާ މައްސަލަތަކަށް ފަރުވަކުރުން ލަސްވީ އެކަމަށް ހާއްސަ ޑޮކްޓަރަކު ނެތުމުންނެވެ. އެ ހިދުމަތް މިއަދު ފަށާފައިވަނީ އިންޑިއާގެ އެންޔޫ ހޮސްޕިޓަލްގެ ސުޕާ ސްޕެޝަލިސްޓަކާއެކު އެވެ.

އައިޖީއެމްއެޗުން ބުނީ، މީގެ ފަހުން މެދު ނުކެނޑި އައިޖީއެމްއެޗްގައި ފާޓިލިޓީ ޑޮކްޓަރަކު ހިދުމަތް ދެއްވާނެ ކަމަށެވެ. ހިދުމަތަށް މިހާރުވެސް ބޮޑު ޑިމާންޑެއް ލިބެމުންދާ ކަމަށާއި ހިދުމަތް ހޯދަން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 250 އަށްވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް އައިޖީއެމްއެޗުން ދޭ އެހެން ހިދުމަތްތަކެކޭ އެއްގޮތަށް އާސަންދަ ކަވާއެއް ނުކުރާނެ އެވެ. ފާޓިލިޓީއާބެހޭ ހުރިހާ ހިދުމަތަކަށް ވެސް އަގު ނަގާނެ އެވެ. އެގޮތުން ޑޮކްޓަރަށް ދައްކާ ފީއަކަށް ކަނޑައަޅާފައިވަނީ 465 ރ. އެވެ.

އެކަމާގުޅިގެން އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ، ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ވެސް އިންޝޫރެންސް ކަވާ ކުރާ ހިދުމަތެއް ނޫން ކަމަށެވެ.

"އަންހެނުންނާއި ފިރިހެނުންނަށް ވެސް މިހާރު ހިދުމަތް ދޭނެ. އަންހެނުންނަށް ހިދުމަތްދޭއިރު އައިޖީއެމްއެޗްގައި މަސައްކަތްކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރުންގެ ވެސް ބައިވެރިވުމާއެކު ހިދުމަތް ދޭގޮތަށް މިވަނީ ހަމަޖައްސާފައި،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެހެންވެސް ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެޕޮއިންޓްމަންޓަށް ނަން ރަޖިސްޓްރީކުރާ އުސޫލުން ފާޓިލިޓީ ޑޮކްޓަރަށް ދައްކަން ނަން ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށެވެ.