މަސްތުވާތަކެތި

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން ނިންމާލައިފި

Jan 4, 2017
  • 1000 އަށްވުރެ ގިނަ މީހުނާއި 21 ތަނެއް ފާސްކުރި
  • މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކުރި
  • ދެލައްކައަށްވުރެ ގިނަ ރުފިޔާ އާއި މަސްތުވާތަކެތި ހޯދި

މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ބޮޑު އޮޕަރޭޝަންގައި ހާހަކަށްވުރެ ގިނަ މީހުނާއި 21 ތަނެއް ބަލައި ފާސް ކުރުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެއްޗާއެކު މިދިއަ ހޯމަ ދުވަހު އޮޕަރޭޝަން ނިންމާލައިފި އެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވޭ 1004 މީހަކު ބަލައި ފާސްކުރި އިރު 21 ތަނެއް ފާސް ކުރީ ކޯޓް އަމުރު ހޯދައިގެން ކަމަށާއި އޮޕަރޭޝަންގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ތުހުމަތުވި 62 މީހަކު ހިފަހައްޓާފައިވާއިރު މަސްތުގެ ހާލާތުގައި ތިބި 34 މީހަކު ވަނީ ހައްޔަރުކުރި ކަމަށެވެ.

އޮޕަރޭޝަންގައި ހަޝިޝް އޮއިލް ކަމަށް ބެލެވޭ 1.347 ކިލޯ ގްރާމްގެ ތަކެއްޗާއި ހެރޮއިން ކަމަށް ބެލެވޭ 0.436 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގަތެވެ. އޭގެ ތެރޭގައި 62 ކެނަބިސް އޮށާއި 14 ބަނގުރާ ފުޅި އާއި ބަނގުރާ ކަމަށް ޝައްކުވާ އެއްޗެއްހުރި 500 އެމްއެލްގެ ދެ ފުޅިއަކާއި މަސްތުވާތަކެތި އަޅާފައިވާ ބިޑިތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ކޮތަޅާއި ހަތަރު ރަބަރުގަނޑާއި ތެޔޮދަޅަކާއި 17 ތެޔޮޕީސް އާއި 58 ބްލެޓާއި 101 ސެލޯފިންކޮޅު ހިމެނެއެވެ.

މީގެ އިތުރުން މި އޮޕަރޭޝަންގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 279،000 ރުފިޔާއަށްވުރެ ގިނަ ފައިސާއާއި 710 ޑޮލަރު އަތުލާފައި ވެއެވެ.

އެގާރަ ދުވަހުގެ އޮޕަރޭޝަނުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ސްރީލަންކާ އަންހެނަކާއި އިންޑިއާ ފިރިހެނެކު ވެސް ހައްޔަރުކުރި އެވެ. އިންޑިއާ މީހާގެ އެތެރަހަށީގައި މަސްތުވާތަކެތި ފޮރުވާފައިކަމަށް ތުހުމަތުކުރެވިގެން ހޮސްޕޮޓަލަށް ގެންގޮސް އެކްސްރޭ ނަގައި ބެލިއިރު އޭނާގެ ފުރަގަސް ފަރާތުގައި މަސްތުވާތަކެތި ފެނުނެވެ.