ރަށްރަށް ފެނަށް ޖެހުން

ފެނަށްޖެހޭ ރަށްރަށަށް ފެން ފޮނުވުން ފެނަކައާ ހަވާލުކޮށްފި

Jan 4, 2017
  • ފެން ފޯރުކޮށް ދިނުން ބަލަހައްޓާނީ އެނާޖީ މިނިސްޓްރީ
  • ފެން އުފުލާނީ އެމްއެފްޑީއޭގެ އުސޫލުތަކާ އެއްގޮތަށް
  • ފެނަށްޖެހޭނެ ނަމަ 14 ދުވަސް ކުރިން އެދެން ޖެހޭ

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ރާއްޖެއިން ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ތިމާވެއްޓާބެހޭ މިނިސްޓްރީން ބަލަހައްޓާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ. މިިހާތަނަށް އެ މަސައްކަތް ކުރަމުން އައީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުންނެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީން މިއަދު ބުނީ މި ނިންމުމާއެކު ރަށްރަށުގައި ބޯފެން ރައްކާކުރެވޭ މިންވަރާއި ބޯފެން ރައްކާކުރެވޭ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ އެފަދަ ވަސީލަތްތައް ރަށްރަށުގައި ގާއިމްކޮށްދިނުމުގެ އިތުރުން، ހޫނު މޫސުމުގައި އެކި ރަށްރަށަށް ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް މި މަހުން ފެށިގެން ކުރާނީ އެ މިނިސްޓްރީންނެވެ.

އަދި ބުނީ ދެން ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދާނީ ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ކަމަށާއި ފެނަށް ޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށް އެކަމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އާއި ފެނަކައާ ދެމެދު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސި ނަމަވެސް ރަށްރަށުގައި ބޯފެން ހުރި މިންވަރު ކުރިއެކޭ ވެސް އެއްގޮތަށް ބަލަހައްޓަމުންދާނީ ރަށްރަށުގެ ކައުންސިލުންނެވެ. ރަށަކަށް ބޯފެން ގެންދަންޖެހޭ މިންވަރަށް ފެން މަދުވެއްޖެނަމަ ކައުންސިލުން އަންގާނީ ފެނަކައަށެވެ. ފެނަކައިގެ އޮފީހެއް އެ ރަށެއްގައި ނެތް ރަށެއްނަމަ ފެނަކައިގެ މައި އިދާރާއަށެވެ.

މިނިސްޓްރީން ބުނީ ރަށެއްގައި ފެންހުރި މިންވަރު މޮނިޓާކޮށް ފެނަށް ޖެހޭނެ ކަމަށް ލަފާ ކުރެވޭނަމަ 14 ދުވަސް ކުރިން، ބޯ ފެނަށް އެދި ފެނަކާގައި އެދެން ޖެހޭނެ ކަމަށާއި އެކަމަށް ހާއްސަ ފޯމް ފެނަކައަށް ދިއުމުން ޗެކް ކުރުމަށްފަހު، އެ ރަށަކާއި އެންމެ ކައިރީގައިވާ ފެނުގެ ނިޒާމް ގާއިމުކުރެވިފައިވާ ރަށަކުން ފެން އުފައްދައި، ފެން ބޭނުންވާ ރަށެއްގެ ބަނދަރުން ފެށިގެން 4000 ފޫޓު ތެރޭގައި ހުރި އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ފެން ރައްކާކުރާ ހަން ތަކަށް ފެން ފޯރުކޮށްދިނުމުގެ މަސަކަތް ކުރާނެ ކަމަށެވެ. ފެނަކައިން ފެން އުފުލުމުގެ މަސައްކަތް ކުރިޔަށްގެންދާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެއްތަނުން އަނެއްތަނަށް ފެން އުފުލުމަށް ކަނޑައަޅާފައިވާ މިންގަނޑުގަ އެވެ.

ކޮންމެ އަހަރަކު ވެސް އަހަރުގެ ކުރީކޮޅުން ފެށިގެން އޭޕްރީލް މަހާއި ހަމައަށް ރާއްޖޭގެ ގިނަ ރަށްތަކެއް ފެނަށް ޖެހުން އިހުސާސް ކުރާތާ ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. ބައެއް އަހަރުތަކުގައި 80 އަށް ވުރެ ގިނަ ރަށްރަށް ފެނަށް ޖެހެ އެވެ.