ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ރާއްޖެއިން ފެނަށް ޖެހިގެން ގިނަ ރަށްރަށުން އެހީތެރިކަމަށް އެދޭއިރު މިއަހަރުގެ މިހާތަނަށް 48 ރަށަކުން ފެނަށް ޖެހިގެން އެހީތެރިކަމަށް އެދިއްޖެ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ 15 އަތޮޅެއްގެ 48 ރަށަކުން ފެނަށް ޖެހިގެން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
އެ ރަށްތަކަށް ފެން ފޯރުކޮށް ދެމުން ގެންދާ ކަމަށާ މިހާތަނަށް 15،00 ޓަނުގެ ފެން ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ އެހީތެރިކަމަށް އެދުނު ރަށްތަކުގެ ތެރެއިން 30 ރަށަކަށެވެ. އެހެން ރަށްތަކަށްވެސް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ރާއްޖެއިން ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ތިމާވެއްޓާބެހޭ މިނިސްޓްރީން ބަލަހައްޓާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސާފައިވަނީ ޖަނަވަރީ 4، 2017 ގައެވެ. އޭގެ ކުރިން އެ މަސައްކަތް ކުރަމުން އައީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުންނެވެ.
ރައީސްގެ އެ ނިންމެވުމާއެކު ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދާނީ ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ކަމަށާއި ފެނަށް ޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށް އެކަމާގުޅޭ އެއްބަސްވުމުގައި ހަމަ އެދުވަހު ވަނީ ސޮއިކޮށްފައެވެ.
އެގޮތުން މިއަހަރުވެސް ރަށްރަށައް ފެން ފޯރުކޮށްދެމުންދަނީ ފެނަކައިންނެވެ.
ކޮންމެ އަހަރަކު ވެސް އަހަރުގެ ކުރީކޮޅުން ފެށިގެން އޭޕްރީލް މަހާއި ހަމައަށް ރާއްޖޭގެ ގިނަ ރަށްތަކެއް ފެނަށް ޖެހުން އިހުސާސް ކުރާތާ އަށެއްކަ އަހަރު ވެއްޖެ އެވެ. ބައެއް އަހަރުތަކުގައި 80 އަށް ވުރެ ގިނަ ރަށްރަށް ފެނަށް ޖެހެ އެވެ.