ފެނަކަ ކޯޕްރޭޝަން

އީއައިއޭ ނުހަދާ މަޝްރޫއު ފެށީ ކުރީގެ ވެރިން: ފެނަކަ

އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް ނެތި ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށީ ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ކަމަށާއި އެ ކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ ކުރުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އީއައިއޭ ނުހަދައި އިންޖީނުގޭގެ މަސައްކަތް ފެށީ ހއ. ތަކަންދޫ އާއި ހދ. ފިނޭ އާއި ނ. ހެނބަދޫ އާއި ނ. މާޅެންދު އާއި ބ. ކެންދޫގެ އިންޖީނުގެތަކެވެ. އެކަމާ ގުޅީގެން އީޕީއޭއިން ވަނީ ފެނަކަ ކުންފުނި ހަ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ވެސް އަންގާފައި ވެއެވެ.

ފެނަކައިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އީއައިއޭ ނުހަދައި އެ ފަސް ރަށުގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުން 2017 ވަނަ އަހަރުގަ ކަމަށެވެ. މި ސަރުކާރު އައިސް މިހާރުގެ މެނޭޖްމަންޓާ ކުންފުނި ހަވާލުވި ފަހުން، އެ ރަށްތަކުގެ މައްސަލަ އީޕީއޭގެ ސަމާލު ކަމަށް ގެނެސް، އެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފެށީ ފެނަކައިގެ އިސް ނެގުމަށް ކަމަށެވެ.

އީއައިއޭ ނުހަދައި ސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށުމުން ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ދައްކަން ޖެހުނީ ފެނަކަ ކުންފުނީގެ ކުރީގެ ވެރިން ކޮށްފައިވާ ޒިންމާދާރުކަމެއް ނެތް ކަންކަމުގެ ސަބަބުން ކަމަށް ފެނަކައިން މިރޭ ބުންޏެވެ.

"... ދެންނެވުނު ކަންކަމަށް ރިއާޔަތްކޮށް އެ ކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޒިންމާ ކުރުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ. ކޮންމެ ހާލެއްގައި ވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އުނިކަމެއް އަދި ލަސްކަމެއް އަޔަނުދީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ޔަގީން ކަން ވެސް އަރުވަމަވެ." ބަޔާނުގައި ވެ އެވެ.