ކުނަހަންދޫ

ފެން ހުސްވެ ކުނަހަންދޫ ހާލުގައި ޖެހިފައި!

ވާރޭ ނުވެހޭތާ ގިނަ ދުވަސްވުމުން ލ. ކުނަހަންދޫން ފެން ހުސްވެފައިވާތީ އެ ރަށު ރައްޔިތުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ ހާލުގައި ޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކޮންމެ އަހަރަކު ވިއްސާރަ ނުވެދާ ދުވަސްވަރު ފެނަށްޖެހޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ކުނަހަންދޫގައި ގޭބީސީތަކުން ވާރޭ ފެން ހުސްވެގެން ކަމާބެހޭ އިދާރާތަކަށް އެންގީ މި މަހުގެ ދެ ވަނަ ދުވަހު ކަމަށް އެ ރަށު ކަންސިލްގެ ނައިބު ރައީސް ލިރުޣާމް ސައީދު މިއަދު ވިދާޅުވި އެވެ.

ލިރުޣާމް ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް 970 އެއްހާ މީހުން ދިރިއުޅޭ ކުނަހަންދޫއަކީ ފެންތިލަ ރަށެއް ކަމުން، އެ ރަށުން ނަގާ ފެން އެއްވެސް ވަރަކަށް ބޭނުން ނުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވަފުދަކުން ކައުންސިލށް ވަނީ އިރުޝާދުދީފަ އެވެ.

"ބޯން ކީއްކުރަންތޯ، ގަޔަށް އަޅަން ވެސް ކަމުދާ ފެނެއް ނޫންކަމަށް އެ ބޭފުޅުން ވިދާޅުވީ. އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތަކަށް މި ބޭނުން ކުރަނީ ކޮންމެ ގެއެއްގައި ވެސް ރައްކާކޮށްފައި ހުންނަ ވާރޭ ފެން،" ލިރުޣާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގެ ގޭބީސީތަކުން ފެން ހުސްވެގެން ރަށު ކައުންސިލުން ފެން ރައްކާކުރާ 50،000 ލީޓަރުގެ ފެން ތާނގި ވެސް މިހާރު ހުސްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެނަވަޔަމަންޓް މިނިސްޓްރީއަށް ގުޅީމަ ބުނީ ފެނަކައަށް ގުޅައިގެން ކުރިއަށް ގެންދާ ގޮތަށޭ އޮންނަނީ. އެކަމަކު ފެނަކައަށް ގުޅަން ދިން ހޮޓްލައިން ނަންބަރުން ދުވަހަކު ފޯނެއް ނުނަގާ. ދެން ގުޅޭ ފަހަރަކު ވިއްޔާ ބުނަނީ ފެން ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ހާއްސަކޮށް ރޯދަ މަހު ފެނަށް ޖެހުމުން ރައްޔިތުން ވަރަށް ހާލުގައިޖެހިފައިވާ ކަމަށާއި، ކޮންމެ ކަމަކަށް މިނެރަލް ވޯޓާ ގަނެގެން ބޭނުންކުރަން މަޖުބޫރު ވެފައި ވާއިރު އެކަމުގެ ސަބަބުން ހަރަދުތައް ވެސް އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ލިރުޣާމް ވިދާޅުވި އެވެ.

"ފެން ވަރަން ފިޔަވައި ހުރިހާ ކަމަކަށް މިނެރަލް ވޯޓާ ގަނެގެން ބޭނުން ކުރަންމި ޖެހެނީ. ދެން ވަރަށް ހަރަދުވެސް ބޮޑުވާނެ ދެއްތޯ ހާއްސަކޮށް ރޯދަ މަހު. ވަރަށް ހާލުގަ މި ރަށު ރައްޔިތުން މިތިބީ،" އޭނާ ވިދާޅުވި އެވެ.