ފަލަސްތީނު މީހެއްގެ މަރުގެ މައްސަލާގައި އިޒްރޭލު ސިފައިންގެ މީހެއްގެ މައްޗަށް އިޒްރޭލުގެ ކޯޓެއްގައި ކުށް ސާބިތުވުމަކީ ވުމަށް ވުރެން ދުރު ކަމެކެވެ. އެކަމަކު އިއްޔެ މި ވަނީ އެފަދަ ތާރީޚީ މަންޒަރެއް ފެނިގެންގޮސްފަ އެވެ. ނަމަވެސް އާ ދުވަހަކަށް އިރު އެރިއިރު، ކުށްވެރިވި އިޒްރޭލު ސިފައިންގެ މީހާ އަށް މައާފް ދެއްވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ތައްޔާރުވެ ވަޑައިގަންނަވަނީ އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ޒުވާނުންތަކެއް ދެމެދު ހިނގި ކުރިމަތިލުމެއްގައި ފަލަސްތީނުގެ 21 އަހަރުގެ ޒުވާނެއް ކަމުގައިވާ ރަމްޒީ އަޒީޒް އަލް ގަސްރާވީގެ ބޮލަށް ބަޑި ޖަހައި އޭނާ މަރާލާފައި ވަނީ އަމާން ދީގެން ބިންމަތީގައި ބަންޑުން އޮށޯވެލައިގެން އޮތްވަ އެވެ. އޭނާ މަރާލީ އެލޯ އާޒަރިއާ ނަމަކަށް ކިޔާ 19 އަހަރުގެ ސާޖަންޓެކެވެ.
މި މައްސަލާގައި އިޒްރޭލުގެ އަސްކަރިއްޔާ އާއި އާންމުންގެ މެދުގައި ހިޔާލުތަފާތުވެ ސިފައިންގެ މީހާ އަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް ނަތަންޔާހޫ ހުންނެވީ ސިފައިންގެ މީހާ އަށް މައާފް ދެއްވުމަށް ތައްޔާރަށެވެ.
"އޭނާ އަށް މައާފްދޭން އަޅުގަނޑު ތާއީދުކުރަން،" ފޭސްބުކްގައި ޝާއިއުކުރެއްވި ހިޔާލެއްގައި ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ.
"މިއީ އުނދަގޫ އަދި ހިތްދަތި ވަގުތުކޮޅެއް އަހަރެމެން އެންމެނަށް ވެސް. ވަކިން ހާއްސަކޮށް (ސިފައިންގެ މީހާގެ) އާއިލާ އަށް. އަދި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ވެސް."
ސިފައިންގެ މީހާ އަށް މައާފްދިނުމަށް ނަތަންޔާހޫ ތާއީދުކުރެއްވިޔަސް އިޒްރޭލުގެ އަސްކަރިއްޔާގެ އިސް ބޭފުޅުން މިކަމަށް ތާއީދެއް ނުކުރެ އެވެ. ސިފައިންގެ އިސް ފަރާތްތަކުން ވިދާޅުވެފައި ވަނީ ސާޖަންޓްގެ އަމަލުތައް ބަހައްޓާފައި ވަނީ އިޒްރޭލު ސިފައިންގެ ފައުޖުތައް ރަމްޒުކޮށްދޭ ނުވަތަ ސިފަކޮށްދޭ ފަދަ ގޮތަކަށް ނޫން ކަމަށެވެ.
އާޒަރިއާގެ ދިފާއީ އަޑުއެހުންތަކުގައި އޭނާ ބުނެފައި ވަނީ ފަލަސްތީނުގެ ޒުވާނާ މަރާލީ އޭނާގެ ހަށިގަނޑު ބޮމުގެ ޖެކެޓެއް ހަރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވި އިތުރު ހަމަލާއަކުން ސަލާމަތްވުމުގެ ބޭނުމުގައި ކަމަށެވެ. ފަލަސްތީނުގެ މި ޒުވާނާ އާއި އިތުރު ޒުވާނަކާ އެކު އިޒްރޭލު ސިފައިންނާ ހިންގި ކުރިމަތިލުމެއްގައި އެ ދުވަހު ވަޅިއަކުން ހަމަލާ ދީ ސިފައިންގެ އެކަކު ޒަހަމްކޮށްލާފައިވެ އެވެ.
ނަމަވެސް ސިފައިންގެ ވަނީ އެ ދެ މީހުން މައިތިރިކޮށްފަ އެވެ. އެއަށް ފަހު ބޮލަށް ބަޑިޖަހައި ޒުވާނާ މަރާލާފައި ވަނީ އަމާން ދީގެން އޮތްވަ އެވެ. އެ ޒުވާނާ މަރާލީ އިތުރު ހަމަލާއެއް ދީފާނެ ކަމަށް ލަފާކުރެވޭތީ ކަމަށް ޝަރީއަތުގައި ބުންޏަސް ސިފައިންގެ ފުރަތަމަ ތަހުގީގުގައި ސިފައިންގެ މީހާ އެގޮތަށް ވާހަކަ ދައްކާފައި ނުވާތީ ވެސް އޭނާ ބަސް ކޯޓުގައި ގަބޫލުކޮށްފައެއް ނުވެ އެވެ.
ސިފައިންގެ މީހާގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު އޭނާގެ ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ ފުޓޭޖުތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.