ވިޔަފާރި

ބީއެމްއެލް އޮންލައިން ޕޯޓަލުން ޑޮލަރު ގަނެވޭ ހިދުމަތް ފަށައިފި

Jan 7, 2017
  • މިހާރު 24 ގަޑި އިރު ޑޮލަރު ގަނެވޭނެ
  • ދޫކުރާނީ ވެލާނާ އެއާޕޯޓް ބީއެމްއެލްގެ ކައުންޓަރުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭ ނިޒާމުގެ ހިދުމަތް ފަށައިފި އެވެ.

ގައުމީ ބޭންކު، ބީއެމްއެލް އިން ބުނީ މި ނިޒާމުގެ ހިދުމަތް ފެށުމާއެކު، މާދަމާ އިން ފެށިގެން ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނަށް ބީއެމްއެލް ވެބްސައިޓު މެދުވެރިކޮށް، އޮންލައިން ބުކިން ހެއްދުމަށްފަހު، ފައިސާ ދައްކާލައިގެން ފަސޭހަ ކަމާއެކު ޑޮލަރު ލިބިގެން ދާނެ ކަމަށެވެ. މި ސިސްޓަލް ގާއިމް ކުރުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަން ގޮސް ފަސޭހަކަމާއެކު ވަގުތުން ޑޮލަރު ލިބޭނެ އެވެ.

އޮންލައިންކޮށް ޑޮލަރު ގަތުމުގެ ނިޒާމު މަސައްކަތް ކުރާގޮތް

  • ބޭންކް ވެބްސައިޓަށް ވަދެ އޮންލައިން ޕޯޓަލް އަށް ލޮގްއިން ވާށެވެ.
  • ދަތުރުކުރާ ފަރާތްތަކުގެ ނަން، ޕާސްޕޯޓް ނަންބަރު އަދި ފްލައިޓްގެ މައުލޫމާތު ޕޯޓަލް އަށް އެންޓާކުރާށެވެ.
  • ބީއެމްއެލް ޑެބިޓް ކާޑުން ޑޮލަރު ގަތުމަށް ފައިސާ ދެއްކުން
  • ވީއައިއޭ ޑިޕާޗާ ގޭޓް 4 ގެ ކުރިމަތީގައި ގާއިމްކޮށްފައިވާ ބޭންކްގެ ކައުންޓަރަށް ޕާސްޕޯޓާއި ބޯޑިން ފާސް ހުށަހެޅުމުން ޑޮލަރު ލިބޭނެ އެވެ.

މި ނިޒާމު ބޭންކުން ގާއިމް ކުރިނަމަވެސް މި މަހުގެ އަށްވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ފުރާ މީހުންނަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވެސް ޑޮލަރު ވިއްކާނެ އެވެ. މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ފުރާ މީހުންނަށް ހަމައެކަނި ޑޮލަރު ވިއްކާނީ ބީއެމްއެލްއިންނެވެ.

ބީއެމްއެލްގެ މި ނިޒާމު ގާއިމް ކުރުމާއެކު، ކޮންމެ ގަޑިއެއްގައި ވެސް ޑޮލަރު ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އޮންލައިންކޮށް ޑޮލަރު ގަންނަ ބުކިން ނުހެއްދޭ މީހުންނަށް ބޭންކުގެ ބްރާންޗަކަށް ގޮސް އެކަމަށް ހާއްސަ ސްލިޕެއް ފުރާލައިގެން ޑޮލަރު ގަނެވޭނެ އެވެ. ނަމަވެސް މި މީހުންނަށްވެސް ޑޮލަރު ދޫކުރާނީ ވީއައިއޭގެ ކައުންޓަރުންނެވެ. އަދި ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓް ތަކުން ފުރާ މީހުންނަށް މިހާރެކޭ އެއް އުސޫލުން ޑޮލަރު ލިބޭނެ އެވެ.