ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް މިހާރު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން ގެނެވުނު ބަދަލެކެވެ.
ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް ޕަސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ އެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިން އެޕްރޫވްކޮށް ހަތަރު ގަޑިއިރުތެރޭ ހިދުމަތް ލިބިގެންދާނެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ވަގުތުން އެޕްރޫވްކުރާ ފައިނޭންސިން ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާގެ އިތުރުން މުދަލާއި އެހެނިހެން ހިދުމަތް ހޯދުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.
ނަގުދު ފައިސާ ލިބޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުންނެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮސެސް ކުރުމަށް ކުރިން ފަސް ދުވަސް ނަގާއިރު މިހާރު މަދު ވަގުތުކޮޅެއް ތެރޭގައި ކަސްޓަމަރުނަން ބޭނުންވާ ހިދުމަތް ފަސޭހަކަމާއެކު ލިބެ އެވެ.