ބޭންކް އޮފް މޯލްޑިވްސް

ލޯނަށް ޝަރުތު ހަމަވާނަމަ ބީއެމްއެލް އިން ހަތަރު ގަޑިއިރު ތެރޭ ލޯނު ދެނީ

Feb 15, 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލުއި ލޯނަށް ޝަރުތު ހަމަވާނަމަ ހަތަރު ގަޑިއިރު ތެރޭގައި ލޯނު އެޕްރޫވްކޮށް ފައިސާ ލިބޭ ގޮތް ހަދައިފި އެވެ.

ބީއެމްއެލް އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ވަގުތުން އެޕްރޫވްކޮށްދޭން ނިންމާފައިވާއިރު މިއީ ރާއްޖޭގައި ލޯނާއި ފައިނޭންސް މި ގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.

މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިން ލިބޭ އަދަދު ފެންނާނެ އެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކްގެ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް 50،000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ.

މި ގޮތުން ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއްވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތަކީ މިއަދުން ފެށިގެން މާޗް 10 ވަނަ ދުވަހުގެ ނިޔަލަށެވެ.