ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާންކޮށްފި އެވެ.
މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
މި މަގާމަށް ކުރިމަތިލާ ބޭފުޅުންނަކީ ބޭންކިން ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ އަދި ސީނިއާ މެނޭޖްމަންޓުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހުންނަށް ވާންޖެހެ އެވެ. އަދި ބޭންކިން އާއި ފައިނޭންސުން މަތީ ތައުލީމުވެސް ހާސިލްކޮށްފައި ހުންނަންޖެހެ އެވެ.
ތިން އަހަރުގެ މުއްދަތަކަށް މަގާމަށް ހޮވޭ ބޭފުޅަކަށް މުސާރައިގެ އިތުރުން ހުންނާނެ ތަނަކާއި ދަތުރުކުރާނެ ކާރަކާއި މެޑިކަލް އިންޝުއަރެންސް ދިނުމާއި އަހަރަކު އެއް ފަހަރު އެއާ ފެއާ ޓިކެޓް ދިނުމާއި އަދި ގައުމުން ބޭރުގައި މަސައްކަތްކުރާނަމަ ގްރާންޓެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.
ބީއެމްއެލްގެ ސީއީއޯގެ މުސާރަ ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެ ބޭފުޅެއްގެ އިލްމާއި ތަޖުރިބާއަށް ބެލުމަށްފަހު އެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ކާލް ސްޓުމްކަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ބީއެމްއެލްއާއި އެމްޑީޕީގެ ބައެއް ބޭފުޅުން އެއްވެގެން މާލީ ބަގާވާތެއް ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ.