ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ސްމޯލް ގްރާންޓްސް އިން ކިހާދޫއަށް ހައިޑްރޯޕޯނިކްސް ސިސްޓަމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ގާއިމްކޮށްފި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޯނިކްސް ސިސްޓަމް ވަނީ ގާއިމްކޮށްފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭއިރު، އެއްފަހަރާ 700 އަށް ވުރެ ގިނަ ގަސްހެއްދޭނެ އެވެ.

މި ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުންކުރަމަށް ހަމަޖެހިފައިވަނީ ޖަމިއްޔާގެ ހަރަކާތްތަކަށެވެ.

ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އާ ގުޅިގެން ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީން މިކަމަށް ޝައުގުވެރިވާ މީހުންނަށް ވަނީ ދަނޑުވެރިކަމާއި ހައިޑްރޯފޮނިކްސް އާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ޓްރެއިން ސެޝަންތަކެއްވެސް ބާއްވާފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފް ކުރި ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެކެވެ.