ދުނިޔެ

އައިވަރީ ކޯސްޓްގެ ސިފައިން ކުރި ބަޣާވާތް ހުއްޓާލައިފި

މުސާރައާ މެދު ހިތްހަމަ ނުޖެހިގެން އައިވަރީކޯސްޓްގެ ސަރުކާރާ ދެކޮޅަށް ނުކުތް ސިފައިންނާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރަނގަޅު މުސާރައެއް ދިނުމަށާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދިނުމަށް ގޮވާލައި ސަރުކާރާ ދެކޮޅަށް ނުކުތް ސިފައިން ހަމައަކަށް އެޅުވިފައިވާކަން ހާމަކުރެއްވީ އައިވަރީ ކޯސްޓްގެ ރައީސް އަލަޒާނީ އުއާޓަރާއެވެ. ނަމަވެސް ސިފައިން ސަރުކާރާ ދެކޮޅަށް ނުކުތް ނުކުތުން އުއާޓަރާ ވަނީ ކުށްވެރިކުރައްވާފަ އެވެ.

"އަޅުގަނޑު ދަންނަވަން ބޭނުން ވަނީ ކަންކަމަށް އެދުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫނޭ. އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމުގެ ނަން ކިލަނބުވެ، ތަރައްގީގެ މަސައްކަތަށް ހުރަސް އެޅިއްޖެ،" އުއާޓަރާ ވިދާޅުވި ކަމަށް ނިއުޔޯކްޓައިމްސް ނޫހުގައި ވެއެވެ.

އައިވަރީ ކޯސްޓްގެ ސިފައިންގެ ތެރެއިން ސަރުކާރާ ދެކޮޅަށް ހުކުރު ދުވަހު ނުކުތް މީހުން ވަނީ ވެރިރަށް އަބީޖާންގެ މަގުތަކުގައި ބެރިކޭޑްތައް ބަހަށްޓައި އެރަށް ކޮންޓްރޯލްކުރަން މަސައްކަތްކޮށްފައެވެ.

ސަރުކާރާ ދެކޮޅު ސިފައިން އައިވަރީ ކޯސްޓްގެ ބޮޑެތި އެހެން ބައެއް ރަށްތަކުގައި ވެސް ހަރަކާތްތެރިވިއެވެ.އަދި އެގައުމުގެ ޑިފެންސް މިނިސްޓަރާއި އެހެން ބައެއް އިސް އޮފިޝަލުން ވެސް އެމީހުން ހައްޔަރުކުރިއެވެ. -- ނިއުޔޯކްޓައިމްސް