ދުނިޔެ

ގަދަ ފިންޏާއި ސުނޯގެ ސަބަބުން ޔޫރަޕްގައި މީހުން މަރުވަނީ

ޔޫރަޕްގެ ގައުމުތަކަށް މިހާރު އައިސްފައިވާ ފިނި މޫސުމުގެ ގަދަ ފިންޏާއެކު ބޯކޮށް ސްނޯފޭބުމުގެ ސަބަބުން ގިނަ ހާދިސާތަކެއް ހިނގައި ކޮންމެވެސް ވަރަކަށް މީހުން މަރުވެއްޖެއެވެ.

ދަ ގާޑިއަން ނޫހުން ބުނީ ގަދަ ފިނީގެ ސަބަބުން ޕޮލެންޑްގައި އިއްޔެއާ ހަމައަށް 10 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ހަތް މީހުން މަރުވީ ހުކުރު ދުވަހު ކަމަށެވެ. ޕޮލެންޑްގެ ފިނިހޫނުމިން އިއްޔެ މައިނަސް 20 ޑިގްރީ ސެލްސިއަސްގައި ހުރި އިރު މިރޭ އިތުރަށް ފިނި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބޯކޮށް ސްނޯފައިބާފައިވާ މަގަކުން ހައިވޭއަކުން ޓްރަކެއް ކައްސާލައި ހިނގި ހާދިސާއެއްގައި އިއްޔެ ބެލްޖިއަމްގައި އެކަކު މަރުވިއެވެ.
އިޓަލީގައި ވެސް ގަދަ ފިނީގެ ސަބަބުން ވަނީ ހައެއްކަމީހުން މަރުވެފައެވެ.

ގަދަ ފިންޏާއި ސްނޯގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި މަތިންދާބޯޓާއި ރޭލާއި ފެރީ ދަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ. އެފަދަ މައްސަލަތައް ކުރިމަތިވި ގައުމުތަކުގެ ތެރޭގައި ގްރީސްއާއި ބެލްޖިއަމާއި ޕޮލެންޑާއި ތުރުކީ ހިމެނެއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފިނި ގަދަވެފައި ވަނީ ރަޝިޔާއާއި ލެތުވިއާގައެވެ. ރަޝިޔާގެ ސައިބީރިއާ ސަރަހައްދުގައި ފިނިހޫމުމިން މިހާރު ހުރީ މައިނަސް 40 ޑިގްރީ ސެލްސިއަސްގައެވެ. އަދި ލެތުވިއާގައި މައިނަސް 30 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން ދަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.