ދިވެހި ސިނަމާ

"އެންމެ ފަހު ވިންދާ ޖެހެން ދެން" ޓިކެޓް ވިއްކަން ފަށައިފި

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމު "އެންމެ ފަހު ވިންދާ ޖެހެން ދެން" ގެ ޓިކެޓް އޮލިމްޕަހުން މިއަދު ވިއްކަން ފަށައިފި އެވެ.

މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު ޑައިރެކްޓްކޮށް ޒުވާން ދެ ތަރިން ކަމުގައިވާ މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް މަޖުދާ ލީޑް ރޯލު ކުޅެފައިވާ ލޯބީގެ ފިލްމެކެވެ.

ޖުމައްޔިލް ބެލުންތެރިންނަށް ތައާރަފްކޮށްދިނީ އޭނާގެ މަޝްހޫރު ބައްޕަ، އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލުގެ ފިލްމު "އަނިޔާ" އިންނެވެ. މަޖުދާގެ ބޮޑު ފެނިލުމަކީ މިދިޔަ އަހަރުގެ ފަހުކޮޅު ޑާކް ރެއިން ވެސް ގެނެސްދިން އެމީހުންގެ އާޓް ފިލްމު "ހުޅުދާން" އެވެ.

"އެންމެ ފަހު ވިންދާ ޖެހެން ދެން" ގެ ޝޯތަކަށް ޑާކް ރެއިން އިން 10 ދުވަސް ނަގާފައިވާއިރު ފިލްމުގެ ޝޯތައް ފަށާނީ އަންނަ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެވެ.

އާންމުކޮށް ދިވެހި ފިލްމުތަކުގެ ޕްރިމިއާ ނައިޓްގެ ޝޯތައް 100ރ. އަށް ވިއްކި ނަމަވެސް މިފަހުން އެ ޓްރެންޑް ބަދަލުވެ، އެ ޓްރެންޑްގައި ޖެހި މި ފިލްމުގެ ހުރިހާ ޝޯއަކަށް ވެސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 100ރ. ގެ ރޭޓުންނެވެ.

މި ފިލްމުގެ ޝޯތައް ފަށަން ތައްޔާރުވަމުން އަންނައިރު ވެސް ފާހަގަކޮށްލަން ޖެހެނީ އޮލިމްޕަހުގެ ސައުންޑްގެ މައްސަލަ އަށް އަދިވެސް ދާއިމީ ހައްލެއް ހޯދިފައި ނުވާ ކަމަށެވެ. އޮލިމްޕަހުގެ ބެލެނިވެރިޔާ، ނެޝެނަލް ސެންޓަ ފޯ ދި އާޓްސް އިން މި މައްސަލަ "ނިކަން އަވަހަށް ހައްލުކުރާނެ ކަމަށް" ބުނާތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވަނީ އެވެ.

ކޮންމެ ފަހަރަކު ވެސް ފިލްމެއް ދައްކަންވީމަ ސައުންޑަށް ވަގުތީ ހައްލެއް ހޯދައި ދެނީ އެވެ. އެގޮތުން "އެންމެ ފަހު ވިންދާ ޖެހެން ދެން" ގެ ޝޯތަކަށް ވެސް ވަގުތީ ސައުންޑް ހަމަޖައްސައިދޭނެ އެވެ.

ސައުންޑްގެ މައްސަލަ ހައްލުވެފައި ނެތްއިރު އޮލިމްޕަހުގެ އަގަކީ ފިލްމީ ދާއިރާގެ ޕްރޮޑިއުސަރުންގެ ބޮލު ރިހުމެއްކަން ފާހަގަކޮށްލެވެ އެވެ. ކުލީގެ ގޮތުގައި މިހާރު ރެއަކަށް 4000ރ. ދައްކަން ޖެހެ އެވެ.

ކޮންމެއަކަސް ފިލްމުގެ ޝޯތަކަށް ތައްޔާރުވެގެން ހުރި ޑާކް ރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ ބުނީ ފިލްމުގެ ޝޯތައް އިތުރަށް ފަސްކުރެވެން ނެތް ކަމަށެވެ.

އޭނާގެ ފިލްމުގެ ޝޯތަކާ ދިމާކޮށް ސިޔާސީ މަސްރަހް ހަލަބޮލިވެ އާންމުންގެ ސަމާލުކަން ސިޔާސީ ފޯރިއަށް ހުސްވެފައިވާކަން ވެސް ފާހަގަކޮށްލެވެ. ޕްރޮޑިއުސަރު ބުނީ ސިޔާސީ ރޯގާގެ ނޭދެވޭ އަސަރު ފިލްމުގެ ވިޔަފާރިއަށް ނުކުރާނެއެކޭ ބުނާކަށް ވެސް ނޭނގޭ ކަމަށެވެ.

މި ފިލްމަކީ 300،000 ރުފިޔާ އާއި 400،000 ރުފިޔާއާ ދެމެދުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރު ޝިފާއު އަކީ "ފަތިސްހަނދުވަރުގެ ފެށުން" ގެ ވެސް ޑައިރެކްޓަރެވެ.